ހަބަރު

ރާއްޖޭން ޖަރުމަނު، ޗެކް ރިޕަބްލިކް ޝެންގެން ވިސާ ނެގޭ ސެންޓަރު ހުޅުވައިފި

Mar 2, 2020
2

ޖަރުމަނުގެ އިތުރުން ޗެކް ރިޕަބްލިކް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް މިއަދު މާލޭގައި ރަސްމީކޮށް ހުޅުވައިފި އެވެ.

މިއަދު ފޮރިން މިނިސްޓްރީ ހިންގާ ވަގުތީ އިމާރާތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައި ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑްސް އާއި ޗެކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މީލާން ހޮވަރުކާ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ސަރުކާރުގެ ބައެއް އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ޔޫރަޕަށް ދިޔުމަށްޓަކައި އަވަށްޓެރި ސްރީލަންކާގެ އިތުރުން އިންޑިއާ އަށް ދިވެހިން ދަތުރުކޮށް ވިސާ ނެގުމަށް އުފުލަންޖެހޭ ތަކުލީފާއި ކުރަންޖެހޭ ހަރަދު މިއަދު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރަން ސީދާ ރާއްޖޭން ވިސާ ނަގަން މިހާރު ދާން ޖެހެނީ އިންޑިއާގެ ނިއު ދިއްލީއަށް ނުވަތަ ސްރީލަންކާގެ ކޮލޮމްބޯއަށެވެ. އެހެންކަމުން ޖަރުމަނަށާއި ޔޫރަޕްގެ އެހެން ގައުމުތަކަށް ދާން ވިސާ ހޯދުމަށްޓަކައި ދިވެހިންނަށް އިތުރު ހަރަދާއި ވަގުތު ހޭދަ ކުރަން ޖެހެ އެވެ.

އެ މައްސަލައަށް ހައްލެއް ހޯދުމަށް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ވިސާގެ ހިދުމަތް ފޯރުކޮށްދޭ ވީ.އެފް.އެސް ގްލޯބަލްއާއެކު ދިވެހި ސަރުކާރުން މަޝްވަރާތައް ފެށީ މިދިޔަ އަހަރުގެ ތެރޭގައި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެންނަމުންދާ އިސްލާހީ ބަދަލުތައް ޔޫރަޕުގެ އިއްތިހާދުން ބަލައިގެންފައިވާ މިންވަރު މިއަދު ސާފުކޮށް ފެނިފައިވާ ކަމަށެވެ.

އަދި މި ތާރީހީ ފެށުމުގެ މަންފާ ދިވެހިންނަށް ވަރަށް ފުރިހަމަ ގޮތުގައި ކުރާނެ ކަމަށާއި، ވީއެފްއެސް ގްލޯބަލްއާއެކު ވިސާ ނެގުމުގެ ވަރަށް ޒަމާނީ އަދި ފުރިހަމަ ހިދުމަތެއް ލިބިގެންދާނެކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.

"މިއަދު މިއީ ވަރަށް ތާރީހީ ދުވަހެއް. މިއީ ހަގީގަތުގައިވެސް ދިވެހިން ވަރަށް ބޮޑަށް އެދި އެދި ތިބި ކަމެއް. ހަމަ ޔަގީނުންވެސް، ޔޫރަޕަށް ދަތުރުކުރަން ދިވެހިން އުފުލަންޖެހޭ ތަކުލީފާއި ހޭދަވާ ވަގުތާއި، ކުރަންޖެހޭ އިތުރު ހަރަދު ނިމުމަކަށް މި އައީ،" އެ ސެންޓަރު ހުޅުވުމުގައި ޖަރުމަނު ސަރުކާރުގެ އެހީތެރިކަމަށާއި، ހާއްސަކޮށް ޖަރުމަނު ސަފީރު ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ދިވެހިންނަށް އެންމެ ފުރިހަމަ ކޮންސިޔުލާ ހިދުމަތެއް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުން، ކައިރި މުސްތަގުބަލެއްގައި ވިސާ އާ ނުލާ ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަރުމަނު ސަފީރުވެސް ވިދާޅުވީ ވިސާ އާ ނުލާ ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަނުޖެއްސޭންވީ ސަބަބެއްނެތް ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން ސަފީރު ނެންގެވީ އިނގިރޭސިވިލާތަށް އޮން އެރައިވަލް ވިސާގައި ދިވެހިންނަށް ދަތުރުކުރުމަށް އޮންނަ އިންތިޒާމެވެ.

ސަފީރު އިތުރަށް ވިދާޅުވި ގޮތުގައި، ޔޫރަޕުގެ އެހެން ގައުމުތަކުންވެސް މިއަދު ހުޅުވުނު ސެންޓަރު މެދުވެރިކޮށް ދިވެހިންނަށް ވިސާ ދޫކުރުމަށް މިހާރުވެސް ޝައުގުވެރިކަން ފާޅުކުރަމުންގެންދާ ކަމަށެވެ.

"މިހާރުވެސް ޔޫރަޕުގެ އެހެން ގައުމުތަކުން މިކަމުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކުރަމުން އެބަދޭ. އެހެންވީމާ، އަޅުގަނޑު މިނިސްޓަރު ޝާހިދަށް ވެސް ދަންނަވައިފިން، ދުވަސްކޮޅަކުން މިތަނުން ޖާގަ އެއް ނުލިބޭނެޔޭ. މި ސެންޓަރަށް މިހާރަށް ވުރެ ޖާގަ ތަނަވަސްތަނެއް ހަމަޖައްސައި ދެއްވަން ޖެހިވަޑައިގަންނަވާނެއޭ،" ރޯޑްސް ވިދާޅުވި އެވެ.

ޗެކް ރިޕަބްލިކްގެ ސަފީރުގެ ވާހަކަފުޅު ހާއްސަކުރެއްވީ މިނިސްޓަރު ޝާހިދު މަސައްކަތަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވިސާ ހޯދަން ދިވެހިންނަށް ދިމާވާ ދަތިތައް މިނިސްޓަރު ވަރަށް ތަފްސީލުކޮށް ހިއްސާކުރެއްވި ކަމަށާއި، މިފަދަ ސެންޓަރެއް ރާއްޖޭގައި ހުންނަންޖެހޭކަމަށް ވިދާޅުވެ ޝާހިދު ވިސްނައިދެއްވި ކަމަށެވެ.