ހަބަރު

ޝެންގެން ވިސާގެ ދާއިމީ އޮފީހެއް ހަދަން މަޝްވަރާކޮށްފި

ޝެންގެން ވިސާ ރާއްޖެއިން ޖެހޭނެ ގޮތް ދާއިމީކޮށް ހަދަން އޮފީހެއް ގާއިމް ކުރަން ޖަރުމަނުގެ ފޮރިން މިނިސްޓްރީ އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީން މަޝްވަރާ ކޮށްފި އެވެ.

ޝެންގެން ވިސާ އަކީ ޔޫރަޕިއަން ޔޫނިއަން ގައުމުތަކަށް ދަތުރު ކުރެއްވުމަށް ބޭނުންވާ ވިސާ އެކެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަރުމަނުގެ ބާލިންގައި މިހާރު ކުރިއަށްދާ "ފިފްތު ބާލިން އެނާޖީ ޓްރާންސިޝަން ޑަޔަލޮގް" ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސްއާ ބައްދަލުކުރެއްވުމަށްފަހު ކަމަށެވެ.

އެބައްދަލުވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެބައްދަަލުވުމުގައި މާސް ވަނީ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު އަގުލަބިއްތަށް މަރުހަބާ ދަންނަވާފަ އެވެ. އަދި މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގެ ސަރުކާރު ބަދަލުވުމުގައި ޔޫރޮޕިއަން ޔޫނިއަނާއި ޖަރުމަނުގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެބައްދަލުވުމުުގައި ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު ލަތީފާއި ސަފީރުގެ ނައިބު މުހައްމަދު ޖިނާހާއި މިނިސްޓަރުގެ ކައުންސެލާ ޝިރުޒިމަތު ސަމީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޝެންގެން ވިސާ ޖެހޭނެ ދާއިމީ އޮފީހެއް ގާއިމް ކުރަން މަޝްވަރާ ކޮށްފައިވާއިރު، މިދިޔަ ޖެނުއަރީ މަހު ވަނީ ރާއްޖޭގައި މުޅިން އަލަށް ޝެންގެން ވިސާ ޖެހޭނެ އިންތިޒާމް ހަމަޖައްސައިދީފަ އެވެ.

ޝެންގެން ވިސާ ދިވެހިން މިހާރު ނަގަން ޖެހެނީ ސްރިލަންކާގެ ކޮލަންބޯއިންނެވެ. ނަމަވެސް ބައެއް ފަހަރަށް އީޔޫގެ އޮފިޝަލުން ރާއްޖެ ގެނެސް ވިސާ ޖެހުމުގެ މަސައްކަތް ރާއްޖޭގައި ވެސް ކުރެ އެވެ. އީޔޫގެ ގައުމުތަކުގައި ތައުލީމް ހާސިލުކުރުމަށް ވެސް ގިނަ ދިވެހިން ދިރިއުޅެ އެވެ. އަދި މިހާރު ޗުއްޓީއަށް ވެސް ގިނަ ބަޔަކު އެ ގައުމުތަކަށްދެ އެވެ.