ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމަށް އެ ކުންފުނީގެ ބައެއް ހިދުމަތްތައް ހަތަރު ދުވަހަކަށް މެދު ކަނޑާލަން ނިންމައިފި އެވެ.
ދިރާގުން ބުނީ ދިރާގުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމަޔަށް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ބައެއް ހިދުމަތްތައް މެދުކެނޑިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
އޭގެ ތެރޭގައި ބިލުތަކަށް ފައިސާ ދެއްކުމުގެ ހިދުމަތް ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އާދީއްތައަށް މެދުކެނޑިގެންދާނެ އެވެ. އަދި ބުރާސްފަތިން ހުކުރު ދުވަހުގެ ނިޔަލަށް ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓާތަކާއި ދިރާގު ޕާޓްނާޝޮޕްތަކާއި އޮންލައިން ހިދުމަތްތައް މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ވެބްސައިޓްގައިވާ "މައި އެކައުންޓް"ގެ ހިދުމަތާއި މޮބައިލް އެޕްއާ މަމެން މޯބައިލް އެޕްގެ އިތުރުން ދިރާގު ޕޭ އަދިސެލްފް ކެއާ ޗެނަލްތައް ވެސް މެދުކެނޑިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ފެބްރުއަރީ އެއް ވަނަ ދުވަހު ޕްރިޕެޑް ކަސްޓަމަރުންނަށް ރީލޯޑު އަދި ރީޗާޖުގެ ހިދުމަތްތައް މެދުކެނޑޭނެ ކަމަށް ދިރާގުން ބުންޏެވެ.
"ކަސްޓަމަރުންނަށް މި މުއްދަތުގެ ތެރޭގައި ކުރިމަތިވެދާނެ ދަތިކަމަށް ނިހާޔަތައް މާފަށް އެދެން، އަދި ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދޭން އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމުގެ ޔާގީންކަން އަރުވަން،" ދިރާގުން ބުންޏެވެ.
އެ ހިދުމަތްތައް މެދުކެނޑުން ނަމަވެސް ޑޭޓާ އާއި އެސްއެމްއެސް އަދި ވޮއިސް ކޯލްގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.