ހަބަރު

މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތުން ހުށަހަޅައިފި

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތުން ހުށަހަޅައިފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮމަންވެލްތުން މަޖިލިސް އިންތިހާބު އޮބްޒާވުކުރަން ހުށަހަޅާފައިވަނީ ފޮރިންމިނިސްޓަރު އަބުދުﷲ ޝާހިދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި، ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ.

ކޮމަންވެލްތުން ރާއްޖެ ވަނީ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ވަކިވެފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި އެ ޖަމާތާއި އަލުން ގުޅުމަށް ނިންމާ އެކަމަށް އެދި ވަނީ ހުށަހަޅާފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ޖަމާތާއި، ރާއްޖެ އަލުން ގުޅުމުގެ މަރުހަލާގައި އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން އެ ޖަމާތުން ދީފައިވާ ކަމަށެވެ.

ކޮމަންވެލްތާއި އަލުން ރާއްޖެ ގުޅުމުގެ މަރުހަލާގެ ކަންކަން ވަރަށް އަވަހަށް ފުރިހަމަ ކުރާނެ ކަމުގެ ޔަގީންކަން އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ އެ ބައްދަލުވުމުގައި ދެއްވާފަ އެވެ. ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމީ އެ ޖަމާތުން ސިޔާސީ ކުއްވެރިން ދޫކޮށްލަން ކުރި ޕްރެޝަރާހެދި އެވެ.