ކޮމަންވެލްތު ޖަމިއްޔާ

ތާރީހީ ދުވަހެއް: ކޮމަންވެލްތުގެ ބައްދަލްވުންތަކުގައި ރާއްޖޭން ބައިވެރިވާން ފަށައިފި

ރާއްޖެއިން ކޮމަންވެލްތާ ގުޅުމަށްފަހު ބޭއްވި އެޖަމިއްޔާގެ ފޮރިން މިނިސްޓަރުންގެ ފުރަތަމަ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންފި އެވެ.

ވާޗުއަލްކޮށް މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިނގިރޭސި ހާރިޖީ ވަޒީރުން ޑޮމިނިކް ރާބް އެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމަށް ދިވެހިރާއްޖެއިން ކުރި މަސައްކަތަށް ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުންނާއި އަދި ސެކްރެޓަރީ ޖެނެރަލް ކުރެއްވި މިންނެތް މަސައްކަތް ފާހަގަ ކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކޮމަންވެލްތަކީ ކުދި ގައުމުތަކުގެ އަޑު އިއްވާ އެ އަޑު އަހާ ޖަމްއިއްޔާއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ކޮމަންވެލްތު ވަލްނަރަބަލިޓީ އިންޑެކްސްއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ކުދި ގައުމުތަކަށް ލިބުނު ގެއްލުންތަކާ މޫސުމީ ބަދަލުތަކަށް ރިއާޔަތްކުރެވޭ ގޮތަށް އެ ބަދަލުތައް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް އިތުރު ކަމަށާއި، އެ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ހޯދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމަންވެލްތާއި ދިވެހިރާއްޖެ އަލުން ގުޅުނީ ފެބްރުއަރީ 1، 2020 ގައެވެ.