ހަބަރު

ކޮމަންވެލްތުގައި ރާއްޖޭގެ ދިދަ ނަގައިފި

ކޮމަންވެލްތުގެ ސެކްރެޓޭރިއެޓް ހެޑްކުއާޓަރުގައި ދިވެހިރާއްޖޭގެ ދިދަ ނަގައިފި އެވެ.

ރާއްޖެއިން ކޮމަންވެލްތާއި ގުޅިފައިވަނީ ކޮމަންވެލްތުގެ 54 ވަނަ މެންބަރު ގައުމުގެ ގޮތުގަ އެވެ. ކޮމަންވެލްތުގެ ސެކްރެޓޭރިއެޓް ހެޑްކުއާޓަރުގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ނަގާދެއްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ކޮމަންވެލްތާ އަލުން ގުޅުނު ކަން އިއުލާން ކުރަމުން ސަރުކާރުން ބުނެފައިވަނީ، ކޮމަންވެލްތްގެ މެންބަރުކަން އަލުން ލިބުމާ ގުޅިގެން މިއަހަރު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ޖަމްއިއްޔާގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ކޮމަންވެލްތުގެ ސަބްސިޑަރީ ޖަމްއިއްޔާތަކުގައިވެސް ދިވެހިރާއްޖެއިން ބައިވެރިވެ، ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމައި، މަޖިލީހުން އޭރު ފާސްކުރީ، އޮކްޓޯބަރު، 13، 2013 ގަ އެވެ. ރާއްޖެ އޭރު ކޮމަންވެލްތުން ވަކިވާން ނިންމީ، ސަރުކާރުގެ އޭރުގެ އަމަލުތަކާ ގުޅިގެން އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުންނެވެ.

ރާއްޖެއިން ކޮމަންވެލްތްގައި އަލުން ބައިވެރިވާން ހުށަހެޅީ ޑިސެންބަރު 7، 2018 ގައެވެ. އެއީ ވެރިކަމުގެ ހުވާ ކުރެއްވިތާ 20 ދުވަސް ފަހުންނެވެ. ކޮމަންވެލްތްގައި އަލުން ބައިވެރިވާން ހުށަހެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމަންވެލްތާ އަލުން ގުޅުމަށް ކެބިނެޓް ފާސްކޮށް، އެކަމަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ރުހުން ލިބުމާ ގުޅިގެން ރައީސް ސޯލިހު، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް، ޕެޓްރީޝިއާ ސްކޮޓްލެންޑް އަށް ވަނީ ސިޓީއެއް ފޮނުއްވައި ރާއްޖެ އަލުން ކޮމަންވެލްތްގައި ބައިވެރިވާން ބޭނުންވާ ކަމަށް ދަންނަވާފައި ކަމަށެވެ. އެ ސިޓީގައި ރައީސް ސޯލިހު ވަނީ ރާއްޖެއިން ކޮމަންވެލްތްގެ ޗާޓަރު ގަބޫލުކޮށް އެ ޖަމާއަތުން ނަގަހައްޓާ އުސޫލުތަކަށް ރާއްޖެއިން އިހުތިރާމް ކުރާނެ ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ.

ރާއްޖެ އެންމެ ފުރަތަމަ ކޮމަންވެލްތްގެ މެންބަރަކަށްވީ، 9 ޖުލައި 1982ގަ އެވެ.