ހަބަރު

ތާޖް އެގްޒޯޓިކާގައި ރޯވެ ފަސް ވޯޓާ ވިލާ އަނދައިފި

Jan 29, 2019
3

އިންޑިއާގެ ކުންފުންޏަކުން ހިންގާ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގައި އަލިފާނުގެ ހާދިސާއެއް ހިނގައި ވޯޓާ ވިލާތަކެއް އަނދައިފި އެވެ. އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކށް ގެއްލުމެއް ނުވެއެވެ. އަލިފާނުގެ މި ހާދިސާ އައީ ރޭ ފަތިހު އެވެ.

އެމްއެންޑީއެފުން ބުނީ ފަތިހު ތާޖް އެގްޒޯޓިކާ ރިސޯޓުގެ ފަސް ވޯޓާ ވިލާއެއްގައި ރޯވެފައިވާ ކަމަށާއި ފަޔަ އެންޑް ރެސްކިއު ޓީމްތައް އެ ރަށަށް ގޮސް އަލިފާންގަނޑު ނިއްވާލާފައިވާއިރު އެ ރިސޯޓުގެ ވޯޓާ ވިލާތަކަށް ވަރަށް ބޮޑަށް އަނދައި ގެއްލުންވެފައިވާ ކަމަށެވެ.

ރިސޯޓްގައި އަލިފާން ރޯވެފައިވާ ފަތިހު 4:48 ގައެވެ. އަލިފާން ނިއްވައިލެވުނީ އިރު އެރިފަހުންނެވެ. ފަތިހު ފުރަތަމަ އަލިފާން ރޯވީ މީހުން ވެސް ތިބި ވިލާއެއްގަ އެވެ.

ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާއަކީ އެނބޫދޫ ފަޅުގައި ހިންގަމުން އަންނަ ރިސޯޓެކެވެ. މިއީ މިހާރު އެނބޫދޫ ލެގޫންގެ ގޮތުގައި ތަރައްގީ ކުރާ ރިސޯޓްތަކާ ގުޅޭ ރިސޯޓެއް ނޫނެވެ.

މި މަހުގެ ތެރޭގައި ރިސޯޓެއްގައި ކުރިން ވެސް ވަނީ އަލިފާނުގެ ހާދިސައެއް ހިނގާފައެވެ. ކުރިން އަނދައި ބޮޑެތި ގެއްލުންވީ ގިލިލަންކަންފުއްޓަށެވެ.