ހަބަރު

ދުންފަތް ޕެކެޓްތަކުގައި ފޮޓޯ ލޭބަލް ޖަހަން ލަފާ އަރުވައިފި

Jan 29, 2019
3

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު ތަންފީޒު ކުރަން ވަޒީރުންގެ މަޖިލީހުން ރައިސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ލަފާ އަރުވައިފި އެވެ.

ރައީސް އޮފީހުން ބުނީ ދުންފަތާއި ސުޕާރީއާ އެނާޖީ ޑްރިންކުތައް އަދި ހަކުރު ގިނަ ބުއިންތަކުން ދުރުވުމަށް އާންމުން ހޭލުންތެރި ކުރުމަށް ސަރުކާރުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދާބެހޭ ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް ހެލްތު މިނިސްޓްރީން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ގަވައިދު ތަންފީޒު ކުރުމަށް ބާރު އަޅަން ރައީސް ސޯލިހަށް ލަފާ އަރުވާފައިވާ ކަމަށެވެ.

ދުންފަތުގެ ބާވަތްތަކުގައި ތަސްވީރުން ދެވޭ ސިއްހީ އިންޒާރު ޖެހުން ލާޒިމު ކުރުމާއި، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމަކީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ލާޒިމު ކުރާ ކަންކަމެވެ. އެގޮތުން ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި މަންޒަރު ހިމެނޭ ސިއްހީ އިންޒާރު ޖެހުމަށާއި، ވަކިން ސިނގިރޭޓް ވިއްކުން ހުއްޓާލަން ގަވާއިދު އެކުލަވާލައި، ގާނޫނީ އިޖްރާއަތްތައް މިހާރު ވަނީ ފުރިހަމަ ކޮށްފަ އެވެ.

ދުންފަތުގެ ނުރައްކަލާމެދު އާންމުން ހޭލުންތެރި ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.