ހަބަރު

"100 ދުވަހުގެ ވައުދު ފުއްދުމުގައި ކާމިޔާބީތައް ލިބިއްޖެ"

Jan 2, 2019
3

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދުމުގައި ފާހަގަކުރެވޭ ވަރުގެ ކާމިޔާބީތަކެއް ހާސިލު ކުރެވިފައިވާ ކަމަށާއި ފުރަތަމަ 30 މަސައްކަތު ދުވަހުގެ ނިޔަލަށް ހާސިލްކުރަން ކަނޑައެޅި 67 ކަމެއްގެ ތެރެއިން 56 ފުރިހަމަވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ ހެޔޮވެރިކަމެއް ގެނެސްދީ އިގްތިސޯދު ކުރިއަރުވައި ތަރައްގީ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކަން ކަނޑައެޅި ވައުދުތައް ފުރިހަމަ ކުރުމުގައި ފާހަގަކޮށްލެވޭ ކާމީޔާބީތަކެއް މިހާރު ހާސިލްވެފައިވާ ކަމަށެވެ.

ސަރުކާރުގެ ފުރަތަމަ 30 މަސައްކަތު ދުވަސް ހަމަވީ މިއަދަށެވެ. މި މުއްދަތުގެ ތެރޭ ކުރަން ނިންމާފައިވާ 67 ކަމެއްގެ ތެރެއިން 56 ކަމެއް ނުވަތަ 30 ދުވަހުގެ ވައުދުތަކުގެ 84 ޕަސެންޓް ވަނީ ފުރިހަމަ ވެފައެވެ. ރައީސް އޮފީހުން ބުނީ އޭގެ ތެރޭގައި ތަފާތު 19 ދާއިރާއަކާ ގުޅޭ މުހިންމު އެކިއެކި ކަންކަން ހިމެނޭ ކަމަށާއި އޭގެ ތެރޭގައި މަތީ ތައުލީމާއި، ކޮރަޕްޝަން ނައްތާލުމާއި، ސިއްހީ ދާއިރާ އާއި، ދަތުރުފަތުރާއި، ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކާ ގުޅޭ ކަންކަން ހިމެނޭ ކަމަށެވެ.

ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ މަސައްކަތްތަކުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއް ކަމަކީ ދުސްތޫރީ ވެރިކަމަކަށް ރުޖޫއަވެވުމާއި، ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރު ކޮށްދެވުމެވެ. ފާހަގަ ކޮށްލެވޭ މުހިންމު ކާމިޔާބީތަކުގެ ތެރޭ ނޫސްވެރި ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ފާސްކޮށްފައިވާ އަބުރު ރައްކާތެރި ކޮށް ދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުން ހިމެނެ އެވެ.

ތަންފީޒީ އިދާރާތަކަށް ގެއްލިފައި އޮތް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް އިސްކަން ދެއްވައިގެން ސަރުކާރުންވަނީ ފުލުހުންގެ އިދާރާއަށް މިދިޔަ 30 ދުވަހުގެ ތެރޭގައި އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނެސްފަ އެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ ހަގީގަތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ ހާދިސާތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީ ގުކުރާ ކޮމިޝަން އެކުލަވާލައްވައި، އެ ކޮމިޝަނުން ވަނީ ބޮޑެތި ކުރިއެރުންތައް ހޯދާފަ އެވެ.

ފުރަތަމަ 30 ދުވަހުގެތެރޭ ކުރިއަށް ގެންދެވި އަނެއް ދާއިރާއަކީ ޒުވާނުންނާއި ގުޅުންހުރި ދާއިރާއެވެ. ޒުވާނުންނަށްޓަކައި ތައުލީމު އުނގެނުމުގައި ލުއި ފަސޭހަތަކެއް ވަނީ ފޯރުކޮށްދެވުނެވެ. ރާއްޖޭގައި ހިންގާ މަތީ ތައުލީމުގެ ހުރިހާ މަރުކަޒުތަކަކުން ބެޗެލާސް ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދޭން ވެ ވަޑައިގަތް ވައުދު ވަނީ ފުދިފަ އެވެ.

ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް ތިން ޕަސެންޓަށް ކުޑަކޮށް، ލޯން އަނބުރާ ދައްކަން ހަމަޖައްސަވާފައިވާ މުއްދަތު 25 ޕަސެންޓަށް އިތުރު ކޮށްދެވުނެވެ. މަތީ ސާނަވީ އިމްތިހާނުގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ކުދިންގެ ސްކޮލަޝިޕް ހޯދޭނެ މަގު ފަހި ކުރި އެވެ.

ފާހަގަ ކޮށްލެވޭ މުހިންމު ކާމިޔާބީތަކުގެ ތެރޭގައި، ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވާން ހުށަހެޅުމާއި ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މީގެ ކުރިން ސަރުކާރަށް ނަގާފައިވާ ބާރުތައް އަނބުރާ ދިނުން ހިމެނެއެވެ.

ތިމާވެށީގެ ދާއިރާއިން ހއ. ބާރަށާއި، ހއ. ނޭކުރެންދޫގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަނޑައެޅުއްވުމާއި ހއ. ކޭލަކުނަކީ ހިމާޔަތްކޮށްފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެ އެވެ.

ސިއްހީ ދާއިރާއިން ހޯއްދަވާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި، އާސަންދައިގެ ތެރޭގައި ތަފާތު ތެރަޕީ ފަރުވާތައް ހިމެނުމާއި، އައިޑީކާޑު މުއްދަތު ހަމަވެފައިވީ ނަމަވެސް ހިދުމަތް ހޯދުމަށް މަގުފަހި ކޮށް ދިނުން ހިމެނެ އެވެ.

ރައީސް އޮފީހުން ބުނީ ކުރު މުއްދަތެއްގެ ތެރޭ ސަރުކާރުން ހާސިލްކުރި ކާމިޔާބީތަކާ މެދު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނާ ކަމުގައި ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށާއި މިއީ ކުރިއަށް އޮތްތާނގައި ސަރުކާރުން ކުރަންހުރި ކަންކަމުގެ ތެރެއިން މަދު މިންވަރެއް ކަމަށެވެ.

"... މިހާތަނަށް ހާސިލްކުރެވުނު ކަންކަމަކީ، ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް ލިބިވަޑައިގެންނެވި އިތުރު ހިތްވަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަ ކުރެއްވިއެވެ. މީގެ އިތުރުން އިގްތިސޯދު ކުރިއެރުމާއި ގައުމީ ތަރައްގީއާއެކު ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވައުދުވެފައިވާ ކަންކަން ފުރިހަމަ ކުރެއްވުމުގައި އިތުރު ބާރަކަށް އެކަންކަން ވެގެން ހިނގައްޖެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ."

ސަރުކާރުގެ ފުރަތަމަ 100 މަސައްކަތު ދުވަސް ހަމަވާނީ 27 މާރިޗަށެވެ. އެ މުއްދަތުގައު 161 ވައުދެއް ފުއްދަން ނިންމާފައި ވެއެވެ.