ހަބަރު

"ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވިއްޖެ"

ކުޑަ މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ކާމިޔާބީ ފާހަގަ ކުރުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއް އެވެ. އެ ވައުދުތަކުގެ 83 ޕަސެންޓް ވަނީ ހާސިލްކޮށްފަ އެވެ.

ރައީސް ވިދާޅުވީ މުޅިން ހަރާބުވެފައި އޮތްވެފައި ނިޒާމެއްގެ ތެރެއިން ކަންކަން ހައްލު ކުރަން 100 ދުވަހަކީ ވަރަށް ކުރު މުއްދަތެއް ކަމަށާއި އެހާ ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ހެވާއި ލާބައަށް ގިނަ ކަންތައްތަކެއް ފުރިހަމަވެގެން ދިއުމަކީ އުފާ ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވިއްޖެ،" ރައީސް ވިދާޅުވި އެވެ.

އެ މަސައްކަތުގައި ކެބިނެޓް މިނިސްޓަރުންނާއި މިނިސްޓްރީތަކުގެ މުވައްޒަފުން އަދި ރައީސް އޮފީހުގެ މުވައްޒަފުން ކުރި މަސައްކަތް ފާހަގަ ކުރައްވައި އެ ފަރާތްތަކަށް ރައީސް ހާއްސަ ޝުކުރެއް އަދާ ކުރެއްވި އެވެ. ބާކީ ހުރި ވައުދުތައް ފުއްދުމުގެ މަސައްކަތް ވެސް ކުރައްވަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.

"މިހާތަނަށް ހާސިލް ނުކުރެވި ހުރި ކަންކަމަކީ ދައުލަތުގެ އެހެން އިދާރާތަކާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގެ އެއްބާރުލުމާއެކު ހާސިލް ކުރެވެން ހުރި ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ މިދިޔަ ދުވަސްތަކުގައި ސަރުކާރުން ކުރި މުހިންމު ގިނަ ކަންކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ކޮރަޕްޝަނާއި ނާޖައިޒު ފައިދާ ހޯދުން ހުއްޓުވުމަށް ސަރުކާރުގައި އެޅި ފިޔަވަޅުތަކާއި އެފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ޕޯޓަލެއް ގާއިމް ކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.

ދައުލަތުގެ މާލީ ހާލަތު ރައްޔިތުންނަށް އެނގެން ޖެހޭ، މައުލޫމާތަކަށްވާތީ ދެފުށް ފެންނަ އުސޫލުން ސަރުކާރު ހިންގުމަށް ދައުލަތުގެ މާލީ ތަފްސީލްތައް ހާމަކުރަމުންދާ ކަމަށާއި ނުހައްގުން ފްލެޓްތައް ދީފައިވާ މައްސަލަ އާއި ސިޔާސީ ސަބަބުތަކަށްޓަކައި ނުހައްގުން ވަޒީފާއިން ވަކިކުރި މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެއިތުރަށް ރައީސް ވިދާޅުވީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަކީ ވަރަށް މުހިންމު ވައުދެއް ކަމަށާއި އެމަނިކުފާނުގެ ވިސްނުމަކީ ކައުންސިލްތަކަށް ބާރުތައް ދިނުން ކަމަށެވެ. ކައުންސިލްތަކުން ނަގާފައިވާ ބާރުތައް މިހާރު ވެސް ދެމުން ގެންދަވާ ކަމަށާއި ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ވެސް މަޖިލީހަށް ހުށަހަޅާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެ ބަދަލުތައް ގެނެވުމުން ދައުލަތް ހިންގުމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދަނޑުވެރިންނާއި މަސްވެރިންނަށް ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވެވޭނެ ގޮތް ހަދައި ދަނޑުވެރިކަމަށް ބޭނުން ކުރާ ވަސީލަތްތަކާއި ޑީސަލްއިން ޑިއުޓީ ކަނޑާލާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ ގޮތް ހަދައި އިންޓްރެސްޓް ކުޑަ ސްޓޫޑެންޓް ލޯނެއް ތައާރަފްކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.