ހަބަރު

ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށައިފި: ޝާހިދު

Jan 30, 2019
5

ބައިނަލްއަގްވާމީ މައިދާނުގައި އެކަހެރިވެފައި އޮތުމަށްފަހު ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ. ޝާހިދު މިހެން ވިދާޅުވީ ގައުމުތަކަކަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަހެރިވެފައި އޮތް ރާއްޖެއަށް މިހާރު ދުނިޔެއިން މަރުހަބާ ކިޔަމުން ދަނީ ވަރަށް ފުރިހަމައަށް ކަމަށެވެ. އަދި ގައުމުތަކުން ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމަށް އެހީތެރިވެ ދޭން ތައްޔާރަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު ރާއްޖެ ވަޑައިގެންނެވީ ލަންޑަނުންނެވެ. އޭގެ ކުރިން މިނިސްޓަރު ވަނީ އަބޫދާބީ، ވޮޝިންޓަން އަދި ނިއުޔޯކަށް ވެސް ވަޑައިގެންފަ އެވެ.

ލަންޑަނަށް ކުރެއްވި ދަތުރުގައި، އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ މިނިސްޓަރު ބައްދަލު ކުރެއްވި އެވެ.

މި ދަތުރުގައި، 29 ވަނަ ގަވަރނިން ކައުންސިލް މީޓިން އޮފް ކޮމިނިއުޓީ އޮފް ޑިމޮކްރަސީސްގައި މިނިސްޓަރު ޝާހިދު ވާހަކަ ދެއްކެވިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމަށް ކުރިމަތިވި ގޮންޖެހުންތައް ބަޔާންކުރައްވާ، ދިވެހިން އަލުން ކޮމަންވެލްތާ ގުޅުމަށް އުއްމީދު ކުރައްވާކަން ފާހަގަކުރެއްވިއެވެ.

ލަންޑަނަށް ވަޑައިގަތުމަށްފަހު މިނިސްޓަރު ޝާހިދު އެންމެ ފުރަތަމަ ބޭއްވެވި ބައްދަލުވުންތަކުގެ ތެރޭގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބަރޮނެސް ޕެޓްރީޝިއާ ސްކޮޓްލެންޑްއާ ބައްދަލުކުރައްވައި، ރާއްޖެ ކޮމަންވެލްތާ އަލުން ގުޅުއްވުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް އެކަމަނާ އަރިހުގައި އެދިވަޑައިގެންނެވިއެވެ.