ހަބަރު

ލިވަޕޫލް އެއްވަރުވިއިރު، ބޯންމައުތު ޗެލްސީ ލަދުގަންނަވާލައިފި

ޕްރެމިއާ ލީގްގެ އެއްވަނާގައި އޮތް ލިވަޕޫލާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗް އެއްވަރުވެ ލިވަޕޫލަށް ޕީޑް ފުޅާކޮށްލަން ލިބުނު ޗާންސް ގެއްލުނުއިރު، ބޯންމައުތު އަތުން ޗެލްސީ ލަދުވެތި ގޮތަކަށް ބަލިވެއްޖެ އެވެ.

ރޭ ލިވަޕޫލް އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗް ނިމިފައިވަނީ 1-1 އިން އެއްވަރު ވެގެނެވެ. މެޗްގެ ދެ ލަނޑުވެސް ފެނިގެންދިޔައީ ފުރަތަމަ ހާފްގައި އެވެ. މެޗް ފެށިގެން ތިން ވަނަ މިނެޓްގައި ލިވަޕޫލުން ވަނީ ލީޑް ނަގާފަ އެވެ. ލިވަޕޫލަށް ލަނޑު ކާމިޔާބު ކޮށްދިނީ މެޗްގައިވެސް އެންމެ ރަނގަޅު ކުޅުމެއްދެއްކި ސާޑިއޯ މާނޭ އެވެ. ފުރަތަމަ ހާފްގައި ލިވަޕޫލަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ނަމަވެސް ލީޑް ފޫޅާކޮށެއް ނުވެލެވުނެވެ.

ފުރަތަމަ ހާފްގެ ފަހު ވަގުތުގައި ލެސްޓާއިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެލަނޑު ޖަހާފައިވަނީ އިންގްލެންޑް ގައުމީ ޓީމުގެ ޑިފެންޑަރު ހެރީ މެގުއާ އެވެ. ދެވަނަ ހާފްގައި ލިވަޕޫލްގެ ނަބީ ކެއިޓާއަށް އޭރިޔާ ތެރެއިން ފައުލް ކުރި ނަމަވެސް ރެފްރީ ނިންމީ އެއީ ޕެނެލްޓީއެއް ނޫން ކަމަށެވެ. ދެޓީމުންވެސް ގިނަ ފުރުސަތު ތަކެއް ދެވަނަ ހާފްގައި ލިބުނު ނަމަވެސް އިތުރު ގޯލެއް ނުފެނި މެޗް ނިމިގެންދިޔައީ އެވެ.

ލިވަޕޫލްގެ ޑިފެންސްގެ އިންޖުރީ ބޮޑުވެ، އެޓީމްގެ ލެފްޓް ބެކަށް ކުޅެފައިވަނީ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. އަނިޔާއަށްފަހު ޖޮއެލް މަޓިޕްވެސް ވަނީ ރޭގެ މެޗްގައި ކުޅެފަ އެވެ. މެޗަށްފަހު ލިވަޕޫލް ކޯޗު ބުނީ، ނަބީ ކެއިޓާއަށް ކުރި ފައުލަކީ ޕެނެލްޓީއެއް ކަމަށެވެ. ރެފްރީ ޕެނެލްޓީ ނުދިނީ ކީއްވެކަމެއް ނޭންގެ އެވެ.

މެންޗެސްޓާ ސިޓީ އިން ނިއުކާސަލް އަތުން ބަލިވުމުން ލިވަޕޫލް އިން ހަތް ޕޮއިންޓްގެ ލީޑެއް ނަގަން ލިބުނު ފުރުސަތުރޭ ގެއްލުވާލީ އެވެ. ލިވަޕޫލް މިވަގުތު ލީގްގެ އެއްވަނާގައި އޮތީ ކުޅުނު 24 މެޗުން 61 ޕޮއިންޓާއެކު އެވެ. އަދި ސިޓީ އޮތީ ދެވަނާގައިި 54 ޕޮއިންޓާއެކު އެވެ.

ރޭ ފަހަތުން އަރައި ވަޓްފޯޑް ބަލިކޮށް ޓޮޓެންހަމް އޮތީ 54 ޕޮއިންޓާއެކު ތިން ވަނާގައި އެވެ. އަދި ރޭ ޗެލްސީ ބަލިވުމުން އާސެނަލް ވަނީ ހަތަރު ވަނައަށް ޖެހިލާފަ އެވެ. އަދި ޗެލްސީ އޮތީ ފަސްވަނާގައި އެވެ. ދެޓީމަށްވެސް ލިބިފައިވަނީ 47 ޕޮއިންޓެވެ. އާސެނަލް އޮތީ ލަނޑުގެ ފައިދާއިން ކުރީގައި އެވެ.

ބޯންމައުތު ދަނޑުގައި ރޭ ކުޅުނު މެޗްގައި ޗެލްސީ ބަލިވެފައިވަނީ 4-0 އިންނެވެ. ބޯންމައުތުން ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ ދެވަނަ ހާފްގައި އެވެ. އެޓީމުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 47 ވަނަ މިނެޓްގައި ޖޯޝުއާ ކިންގެވެ. ދެވަނަ ލަނޑު 63 ވަނަ މިނެޓްގައި ޑޭވިޑް ބުރޫކްސް ޖަހާފައިވާއިރު، ތިން ވަނަ ލަނޑު 74 ގައި ޖަހާފައިވަނީ ވެސް ޖޯޝުއާ އެވެ. އަދި އިތުރު ވަގުތުގައި ހަތަރުވަނަ ލަނޑު ޖަހާފައިވަނީ ޗާލީ ޑެނިއަލްސް އެވެ.

ޗެލްސީއަށް އެންމެ ފަހުން ބަދަލުވި ގޮންޒާލޯ ހިގުއިންވެސް ވަނީ ކުޅެފަ އެވެ. ނަމަވެސް އޭނާއަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. މެޗަށްފަހު ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ، ކުޅުން ވަރަށް ގޯސް ކަމަށާއި ފަހު ހާފްގައި ޓީމެއްގެ ގޮތަށް ކުޅެފައިނުވާ ކަމަށެވެ. އެންމެވެސް އަމިއްލައަށް މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރި ނަމަވެސް ރަނގަޅަށް ފުރަތަމަ ހާފް ކުޅެފައި ދެވަނަ ހާފުގައި ޓީމް އެހާ ދައްކުޅުމެއް ދެއްކި ސަބަބެއް ނޭންގޭ ކަމަށެވެ.

ރޭ ޓޮޓެންހަމް ކުޅުނު މެޗުން އެޓީމް ސަލާމަތްވީ ކިރިޔާ އެވެ. ވަޓްފޯޑް އިންފުރަތަމަ ހާފުގައި ލަނޑެއްޖަހައި ޓޮޓެންހަމަ ހާސްކަމުގެ ތެރެއަށް ވައްޓާލި އެވެ. ވަޓްފާޑް ފުރަތަމަ ލަނޑު 38 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދީފައިވަނީ ކްރެއިގް ކެތުކާޓު އެވެ. ޓޮޓެންހަމް އިން ފަހަތުން އަރައި ދެ ލަނޑު ޖަހާފައިވަނީ މެޗްގެ ފަހު މިނެޓްގައި އެވެ. މެޗުގެ 80 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޓޮޓެންހަމްއަށް ޖަހާދީފައިވަނީ ސޮން ހެއުން މިން އެވެ. ޓޮޓެންހަމް މޮޅުކޮށްދިން ލަނޑު ޖެހީ ފެނާންޑޯ ލޮރެންޓޭ އެވެ. ޓޮޓެންހަމް އާއި ސިޓީގެ ދެމެދުގައި ތަފާތަކީ ދެ ޕޮއިންޓެވެ.