ހަބަރު

ވަކީލުކަމަކީ އިތުބާރު ހިފޭ މަސައްކަތަކަށް ހަދަންޖެހޭ: ބިޝާމް

ގާނޫނީ ވަކީލުކަމަކީ ބަރޯސާވެވޭ އަދި އިތުބާރުހިފޭ ޝަރަފުވެރި ވަފާތެރިންގެ މަސައްކަތަކަށް ހެދުމަކީ މިއަދު ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ބިޝާމް ވިދާޅުވީ، ގާނޫނީ ވަކީލުންގެ ޒިންމާ ފުރިހަމައަށް އަދާކުރެވޭނީ ތަމްރީނުތައް ފުރިހަމައަށް ލިބިގެން ކަމަށާއި ދިރާސާތައް ކޮށްގެން ކަމަށެވެ. ކޯޓުގެތަކުގެ ނިންމުންތަކާއި އަމުރުތަކާއި އަމަލު ކުރެވޭ އުސޫލުތައް ކިޔައި ދިރާސާކޮށް އަންނަ ބަދަލުތައް އިނގެން މަޖުބޫރުވެއްޖެ ކަމަށް ބިޝާމް ވިދާޅުވި އެވެ.

"ވިސްނަންޖެހޭ އެއްކަމަކީ މިދާއިރާއާ ދޭތެރޭގައި އިތުބާރު އުފެއްދުން، ވަކީލުކަމަކީ ބަރޯސާވެވޭ އިތުބާރުހިފޭ ޝަރަފްވެރި ވަފާތެރިންގެ މަސައްކަތަކަށް ހެދުމަކީ މިއަދު ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް، މިފަންނާބެހޭ ބިލެއް މިހާރު އެއޮތީ ރައްޔިތުންގެ މަޖިލީހުގައި، ވަކީލުންގެ ފަންނީ އުސޫލުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެންމެ ވަކީލުންނަށް އިލްތިމާސްކުރަން،" ބިޝާމް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ، ވަކީލްކަމަކީ ޒަމާނުއްސުރެ ވަރަށް އިހުތިރާމްކުރާ ޝަރަފްވެރި ފަންނެއް ކަމަށެވެ. ކުރިއާ އަޅާބަލާއިރު މިދާއިރާ އިތުރަށް ކުރިއަރާގެން ގޮސް ބަދަލުވެފައިވާ ކަމަށް ބިޝާމް ވިދާޅުވި އެވެ.

"އިލްމީ ގޮތުންނާއި މަސައްކަތުގެ ވައްޓަފާޅި މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ، ވަކީލަކީ ޝަރުއީ ނިޒާމުގެ އެންމެ މުހިންމު އެއް ތަނބު، މިގޮތަށް ސުޕްރީމް ކޯޓުގެ މުޅި ބެންޗް ކުރިފުޅުމަތީގައި ވަކީލުންނަށް ހުއްދަ ދިނުމަކީވެސް މިފަންނާއި ގުޅޭ ފަރާތްތަކަށް ޝަރުއީ ނިޒާމް މަރުހަބާ ކިޔާކަމުގެ ހެއްކެއްކަން ޔަގީން،" ބިޝާމް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ، އެއްވެސް ފަންނެއް ނުވަތަ ނިޒާމަކީ ދެގޮތެއްނުވެ އޮންނަ ފަންނެއްނޫން ކަމަށާއި އެފަންނުތައް ކުރިއަރައި އާދަކާދަތައް ބަދަލުވަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެދެވޭ ބަދަލެއް ގެނެވޭނީ އެންމެންގެވެސް އެއްބާރުލުމާއިއެކު ކަމަށްވެސް ބިޝާމް ވިދާޅުވި އެވެ.