ރާއްޖެ ކުޅިވަރު

ފަހަތުން އަރައި ބީޖީން މާޒިޔާ އަތުން ޕޮއިންޓް ހޯދައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ދެ ލަނޑުގެ ލީޑެއް ނަގައިފައި ވަނިކޮށް، ބީޖީ ސްޕޯޓްސް އިން ފަހަތުން އަރައި 2-2 އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފި އެވެ.

މެޗުގެ 38 ވަނަ މިނިޓުގައި މާޒިޔާ އިން ލީޑު ނެގީ މުހައްމަދު އުމެއިރު ޖެހި ލަނޑުންނެވެ. މާޒިޔާގެ ސަމްދޫހު މުހައްމަދު ނެގި ހުރަސް، އުމެއިރު ވަނީ ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލަށް އަމާޒުކޮށްލައިފަ އެވެ. މި ލަނޑުގެ ކުރިން އުމެއިރު ވަނީ ބީޖީގެ ގޯލަށް ނުރައްކާތެރި ތިން ހަމަލާއެއްް ފޮނުވާލައިފަ އެވެ.

މި ލަނޑަށް ފަހު މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) އަށް ލީޑު ފުޅާކުރަން ހުރަސް ފުުރުސަތެއް ލިބުނު ނަމަވެސް، އޭރިޔާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މާޒިޔާގެ ދެވަނަ ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި ޖެހީ އަހުމަދު ނާޝިދު (ނާއްޓޭ) އެވެ. މުހައްމަދު ސައިފް ދިން ބޯޅަ ކޮންޓުރޯލްކޮށްލުމަށް ފަހު، ނާއްޓޭ ވަނީ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ތިރިިތިރިން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

މި ލަނޑާއެކު މާޒިޔާ މެޗުން ތިން ޕޮއިންޓް ނަގާނެ ކަމަށް ބެލެވުނު ނަމަވެސް، މާޒިޔާ އަށް މައްސަލަ ދިމާވީ މެޗުގެ 80 ވަނަ މިނިޓުގައި ބީޖީ އަށް ޕެނަލްޓީއެއް ލިބުމުންނެވެ. ބީޖީގެ އަބްދުﷲ މުއާޒް (އޮޓޯ) އަށް މާޒިޔާގެ ސައިފް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ބީޖީގެ ބިދޭސީ ޑިފެންޑަރު އެންތަނީ ޖިލްބާޓް ވަނީ ކާމިޔާބުކޮށްފަ އެވެ.

އެ ލަނޑާއެކު މާޒިޔާ ޕްރެޝަރަށް ވެއްޓި، ނަތީޖާއަކަށްވީ އޭގެ ތިން މިނިޓު ފަހުން ބީޖީގެ އިބްރާހިމް ޝިިޔާމް (ކުޑަތޮއްޑޫ) ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރުމެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާގެ ކުޅުންތެރިއެއް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލި ކަމަށް ބެލެވުނު ނަމަވެސް، ލައިންސްމަން ވަނީ އޮފްސައިޑަށް ދިދަ ނަގައިފަ އެެވެ. އެ ނިންމުމާއެކު، މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ރެފްރީންނާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މި މެޗުން މޮޅުވި ނަމަ ތާވަލްގެ އެއްވަނަ އަށް ޖެހިލުމުގެ ފުރުސަތު މާޒިޔާ އަށް އޮތް ނަމަވެސް، އެ ޓީމު މިހާރު އޮތީ އަށް ޕޮއިންޓާއެކު ދެވަނައިގަ އެވެ. އެއްވަނައިގައި އަށް ޕޮއިންޓާއެކު އޮތީ ކްލަބް އީގަލްސް އެވެ. ލީގުގައި މިރޭ މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުން ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް މޮޅުވެއްޖެ ނަމަ، ނިއު އެއްވަނަ އަށް ޖެހިލާނެ އެވެ.

ބީޖީ އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގަ އެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ މާޒިޔާ "މާބޮޑަށް ޕްރެޝަރަށް ދިޔައީ" ކަމަށާޢި ދެވަނަ ލަނޑާއެކު މެޗު ފަސޭހަ ވެސް ކޮށްލެވުނީ ކަމަށެވެ.

"ދެވަނަ ލަނޑާއެކު ކުޅުންތެރިންނަށް ތަންކޮޅެއް ފަސޭހަކޮށްލެވި، ކޮންސަންޓްރޭޝަން ގެއްލުނީ. ޕްރެޝަރު ބޮޑުވެ، ހަމަ ނުހިފެއްޓުނީ. ދެން ބީޖީން ވެސް މި މެޗުގައި ވަރަށް ރަނގަޅަށް ކުޅެފި،" ސުޒޭން ބުންޏެވެ. "ދެން މި މެޗު އެއްވަރުވުމަކީ މާޒިޔާ އަށް ލީގު ގެއްލޭވަރުގެ ނަތީޖާއެއް ނޫން. އެހެންވީމަ މާބޮޑަށް މާޔޫސްވާކަށް ނުޖެހޭ."

ރެފްރީންނާމެދު ސުޒޭން ބުނީ ރެފްރީގެ ފަރާތުން ގޯސްތަކެއް ފެނުނު ނަމަވެސް، މާޒިޔާގެ ފަރާތުން ވެސް ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ރެފްރީންނަށް ފާޑުނުކިޔައި އެކަންތައްތައް ރަނގަޅުކުރުން މާ ރަނގަޅުވާނެ ކަމަށެވެ.

"ރެފްރީންގެ ކަންތައްތައް ރަނގަޅުކުރުމަށް އެފްއޭއެމް އިން އެ ކުރަންޖެހޭ މަސައްކަތެއްކުރާނެ. ރާއްޖޭގައި މިހާ މަދު ރެފްރީންތަކެއް ތިބިއިރު، ފާޑުކިޔައިގެން މިކަން ރަނގަޅެއް ނުވާނެ،" ސުޒޭން ބުންޏެވެ.

ބީޖގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ މެޗުގެ ނަތީޖާއާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

" އެންމެ ފަހުން (ނިއުއާ ދެކޮޅަށް) ކުޅުނު މެޗުގައި ވެސް ދިމާވީ ލިބުނު ފުރުސަތުތައް ނިންމާލުމުގެ މައްސަލަ. އެކަމަކު މި މެޗުގައި ނިންމާލުމުގެ ބައި ރަނގަޅުކޮށްފި. މާޒިޔާ ކަހަލަ ޓީމެއް އަތުން ޕޮއިންޓެއް ހޯދުމުގެ އަޒުމުގައި ނުކުތީ. އަދި އެކަން ހާސިލްވެއްޖެ،" ޝާޒްލީ ބުންޏެވެ.

ޝާޒްލީ ބުނީ ފަހަތުން އަރައި މާޒިޔާ ކަހަލަ ވަރުގަދަ ޓީމެއް އަތުން ޕޮއިންޓެއް ލިބުމަކީ ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު ޓީމުގެ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.