ހަބަރު

އަޅުގަނޑަށް ފަސް އަހަރު ދިގު: ރައީސް

ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ފަސް އަހަރުގެ ދައުރެއް ދިގު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި "ޖަޒީރާ ހޮޅުއަށި" ބައްދަލުވުމުގައި އެމަނިކުފާނުގެ ހިޔާލުފުޅު ފާޅު ކުރައްވަމުންނެވެ. އެ ހިޔާލުފުޅު ރައީސް ސޯލިހު ފާޅު ކުރެއްވީ އެ ބައްދަލުވުމަށް ދިޔަ ބައެއް މީހުން ކައުންސިލަރުންގެ ދައުރު ދިގުކުރުމަށް ހިޔާލު ހުށަހެޅުމުންނެެވެ. ކައުންސިލަރުންގެ ދައުރަކީ ތިން އަހަރެވެ.

އެންމެ ރަނގަޅީ އިންތިހާބުވާ މީހުން އަނެއްކާވެސް ވީހާވެސް އަވަހަށް ރައްޔިތުންނާ ގާތަށް ދިޔުންތޯ ނޫނީ، ގިނަ އިރު މަގާމު ހުރުންތޯ ރައީސް ސޯލިހު ރޭ ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑަށް ފަސް އަހަރު ދިގު، ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަން، އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ވެސް ދިގު، ފަސް އަހަރު، އެއަށްވުރެ އަވަހަށް ރައްޔިތުން ކައިރިއަށް ދާން ޖެހޭނެހެން އަޅުގަނޑަށް ހީވަނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކައުންސިލަރުންގެ ދައުރު ތިން އަހަރަށް ހެދުމުގައި ގާނޫނު އަސާސީ އެކުލަވާލިއިރު ވެސް ވިސްނެވި ކަމަށާއި އެހެން ގައުމުތަކުގައި ވެސް ކައުންސިލުންގެ ދައުރު ކުރު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެހެންވެ، އެކަމާމެދު އަދި ވިސްނާލެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވި އެވެ.