ހަބަރު

ގަވައިދާ އެއްގޮތަށް ދުއްވުން "މާ ސަޅި": މިނިސްޓަރު ނަހުލާ

މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ދުއްވާލުން މާ ސަޅި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އެހެން ޓްރެފިކް ގާނޫނާއި ގަވައިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން "މީތިސަޅި" ނަމުގައި ކެމްޕެއިނު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގަ އެވެ.

ކެމްޕެއިން ފެށުމުގެ ގޮތުން ބޭއްވި ސައިކަލް ބުރުގައި މިނިސްޓަރު ވަނީ ކާރެއް ދުއްވަވާފަ އެވެ. މިނިސްޓަރު ވިދާޅުވީ ބާރަށް ދުއްވުމަކީ ސަޅި ކަމެއް ނޫން ކަމަށެވެ. ގާނޫނާއި ގަވާއިދާ އެއްގޮތަށް ދުއްވުމަކީ މާ ސަޅި ކަމެއް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިންތިޒާމްކުރި ކެމްޕެއިން ފެށިގެންދިޔައީ ސައިކަލް ބުރުންނެވެ. ސައިކަލް ބުރު ފަށާފައިވަނީ ބްރިޖް ސަރަހައްދުން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކާއަށެވެ. މި ހަރަކާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން އެހެން ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެމްއެންޑީއެފާއި ޕޮލިހުގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބައިވެފައި ވެއެވެ.

ސައިކަލް ބުރަށްފަހު ހުޅުމާލެ ސެންޓްރަލް ޕާކްގައި ވަނީ އެކްސިޑެންޓްތައް މަދު ކުރުމަށާއި ގާނޫނާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ހަރަކާތްތަކެއްވެސް ހިންގާފަ އެވެ. އެހަރަކާތްތަކުގައި މަޖިލިސް ރައީސް ގާސިމް އިބްރާހިމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކެމްޕެއިން ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، ގިނަ ރައްޔިތުންނަށް އެކްސިޑެންޓެއް ވުމުން އެކަމާ ކުރިމަތިލާނެ ގޮތެއް ނޭންގޭ ކަމަށާއި ކޮންމެ މީހަކީވެސް ފުރަތަމަ އެހީ އެއީ ކޯންޗެއްކަން އެނގި ދަސްވެ ތިބޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

"މި ހިންގާ އެވެއާނެސް ޕްރޮގްރާމަކީ އެކްސިޑެންޓްތަކާއި މި ހިނގާ ހިތާމަވެރި ހާދިސާތައް ހައްދު ފަހަނައަޅާ ވަރަށްވުރެ ގިނައިން ހިނގަމުންދާތީވެ އަޅުގަނޑުމެން އަމިއްލައަށް އަމިއްލަ ފަރުދީ ޒިންމާ އެއް އޮތް ކަމަށް ގަބޫލު ކުރާތީވެ މިނިސްޓްރީން އިސްނަގައިގެން ހިންގާ ޕްރޮގްރާމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރެވޭނެ ގޮތްތައް ވިސްނަން ޖެހޭ ކަމަށެވެ. އަދި ގަވާއިދާއި ގާނޫނަށް ބޯލަނބާނަމަ އެކަންކަން މަދުކުރެވޭނެކަން ޔަގީން ކަމަށެވެ. އެދެނީ އެކަންތައްތަކަށް ރަނގަޅު އިސްލާހެއް ގެނައުމަށް ކަމަށާއި މަސައްކަތް ކުރަނީ ވެސް އިސްލާހުތައް ގެނައުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީގެ މައްސަލަތައް ވެސް އެބަހުރި ކަމަށެވެ. ހެދިފައިވާ މަގުމަތީގެ ގާނޫނުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވޭ ކަމަށާއި އެކަމަކީ ވަރަށް ހިތާމައާއެކު ފާހަގަ ކުރަންޖެހޭ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެކްސިޑެންޓްތަކުގައި އަޅާނެ ގާނޫނީ ފިޔަވަޅުތައް އެބަހުރި ކަމަށާއި އެގޮތުން ލައިސެންސް ވަކި އަހަރަކަށް ހިފެހެއްޓުންފަދަ ކަންކަން ގާނޫނުގައި އެބަހުރި ކަމަށެވެ. އެކަންކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި އެކަންކަން ކެބިނެޓަށްވެސް ހުށަހަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގާނޫނުތައް ހަދައި އަޅާނެ ފިޔަވަޅުއްތައް ކަނޑައަޅައި ގާނޫނު ތަންފީޒު ކުރެވިދާނެ، ނަމަވެސް އަމިއްލަ ނަފުސު އިސްލާހު ނުކުރާނަމަ ގާނޫނުތަކުގެ ބޭނުމެއްނެތް، ފަރުދީޒިންމާ އަދާ ކުރުމަކީ އެންމެ މުހިންމުއެއް ކަންތައް، އަމިއްލަ މީހާ އިސްލާހުނުވެ އެހެން މީހަކު އިސްލާހު ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.