ކޮލަމް

ކޮލަމް އޭޑީ - ޕާޓީިގެ ގެތަ؟ ރައްޔިތުންގެ ގެތަ؟

ކުރިޔަށް މިއޮތް ދެމަސް ދުވަހު ވާނެ ކަމަށް ލަފާ ކުރާކަން ކަމަށް ބަލަމާ ހިނގާށެވެ. މިހާރު ވެސް ސިޔާސީ ކުޅިވަރުގެ ވާނުވާ ނޭނގޭ ހިސާބަށް ބައެއް ކަންކަން ގޮސްފި އެވެ. ޔަގީންވާ އެއްކަމަކީ ދިވެހިންގެ ތެރެއަށް ބޮޑު ބައިބައިވުމަކާއި ހަސަދަވެރިކަމެއް މިދުވަސްތަކުގެ ތެރޭގައި ވެރިވެ ގަންނާނެ ކަމެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާނެ ގިނަ ފަރާތްތަކެއް މިވަނީ ޔަގީން ކުރެވިފައެވެ. ބައެއް ސިޔާސީ ޕާޓީތަކުން ޓިކެޓްތައް ބަހައި ނިންމައިފި އެވެ. އަދިވެސް އެ ފުރުސަތު އޮތުމުން އެ ލިސްޓަށް ނަންތައް ގިނަ ވުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރުވެސް ބައެއް ފަރާތްތަކުން ގެންދަނީ މަޖިލީހަށް ކެމްޕޭން ކުރަމުންނެވެ.

ވާދަވެރިޔާގެ ތާއީދު ނައްތާލުމުގެ ބޭނުމުގައި އުކުޅުތައް ހަދައި އަގު ވައްޓާލަން ކަންކަން ކުރާނެ އެވެ. އެކަންކަމުގެ ތެރެއިން އުފަަންވެގެން އަންނަނީ ރުޅިވެރިކަމާއި، ނަފްރަތެވެ. ކެނޑިޑޭޓް ވިއްކަން މަސައްކަތް ކުރުމުގެ ބަދަލުގައި ކުރަނީ އެންޓި ކެމްޕޭން އެވެ. އެހެންކަމަށްވުމުން އެ ނަފްރަތުގެ ޗެއިން ދަމާލެވޭ ހިސާބު ބޮޑުވެގެންވެސް ދެއެވެ.

ހުރިހާކަމެއް މިހެން ހުރި އިރު އެންމެ ބޮޑު އެއް ސުވާލަކީ މަޖިލީހުގެ ކޮންސެޕްޓް ރައްޔިތުންނަށް އެނގެނީ ކިހާވަރަަކަށް ކަމެެވެ. ރައްޔިތުންގެ މަޖިލީހަކީ ކިހިނެއްވާ ތަނެއް ކަމާއި، އެތަނުގެ ބޭނުމަކީ ކޮބައި ކަމާއި، މަޖިލީހަށް މެމްބަރުން އިންތިހާބު ކުރާ ބޭނުމާއި، އެ މެމްބަރުންގެ މައްސޫލިއްޔަތުތައް އެނގޭ ކިތައްމީހުން އުޅޭތޯ މިއީ އުފައްދަން ޖެހޭ ސުވާލެކެވެ. މިހާތަނަށް ފެނިފައިހުރި މަންޒަރުުތަކާއި ފެންނަމުންދާ މަންޒަރުތަކުން މުޅި މަޖިލީހުގެ ކޮންސެޕްޓް ރައްޔިތުންނަށް މިއޮތީ އޮޅިފައެވެ. ނުވަތަ މިވަނީ އޮޅުވާލާފަ އެވެ.

މަޖިލީހަށް ހޮވަނީ ސިޔާސީ ޕާޓީއަކަށް އަޅުދާސްތުވާ މީހަކަށް ވެގެނެއް ނުވާނެ އެވެ. ރައްޔިތުންގެ ބާރު ކަނޑުވާލަން ތްރީލައިން ވިޕާއި، އެހެނިހެން ވިޕްތައް އީޖާދުކޮށް، ރައްޔިތުންގެ މަންދޫބު އަޅުވެތިކޮށްލަ އެވެ. އެއީ މަޖިލީހުގެ ކޮންސެޕްޓާއި ހިލާފަށް ކުރާ ކަމެކެވެ. ގާނޫނު އަސާސީގައި ބޮޑު ބާބެއް ރައްޔިތުންގެ މަޖިލީހަށް ހާއްސަކޮށްފައި ވެއެވެ. އެ ބާބުގައިވެސް ސިޔާސީ ޕާޓީއަކުން ބޭނުންވާ ގޮތަށް މެމްބަރުން ކަން ކުރާ ވާހަކައެއް ނޯވެ އެވެ. ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި މެމްބަރުންގެ މަސައްކަތުގައި ރިއާޔަތް ކުރަންވީ ކަންކަން ބަޔާން ކޮށްފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެ އެވެ.
ގާނޫނު އަސާސީގެ 75 ވަަނަ މާއްދާ

ގާނޫނު އަސާސީން މަޖިލީހުގެ މެމްބަރުންގެ މެންޑޭޓް ވަރަށް ސާފެވެ. ރައްޔިތުންގެ ވިސްނުމަށްވުރެ ސިޔާސީ ޕާޓީއެއްގެ ވިސްނުމާއި ފިކުރު އިސް ކުރުމުގެ ވާހަކައެއް އެއަކު ނެތެވެ. މާޒީއަށް ބަލާއިރު، ޕާޓީތަކުގެ އަޅުވެތިކަމާހުރެ ރައްޔިތުންގެ ވިންދާއި ދެކޮޅަށް ބައެއް މެމްބަރުންނަށް މަސައްކަތް ކުރަންޖެހި އެކަންކަމަށް މާފަަށްވެސް އެދިފައި އެބަހުއްޓެވެ.

އެކަމުގައިވެސް ސިޔާސީ މީހުން ހުއްޖަތެއް ދައްކަ އެވެ. މެމްބަރުންގެ ކެމްޕޭނަށް ހަރަދުކުރީ ޕާޓީގެ ފައިސާއަށްވުމުން އެ މެމްބަރުން އެކަަންކަމާއި ދެކޮޅު ހެދުމީ ޕާޓީއަށް ހަރާންކޯރު ވުން ކަމަށް ބުނެ އެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީތަކަށް ވެސް ދައުލަތުން ދެނީ ރައްޔިތުންގެ ފައިސާއެވެ. އެހެން ކަމުން މެމްބަރު އަޅުދާސްތުވާންވީ ޕާޓީއަކަށް ނޫނެވެ.

ސިޔާސީ ޕާޓީތަކުން މަޖިލީހުގައި ތަމްސީލު ކުރަންވީއެވެ. ޕާޓީތަކުގެ ނަމުގައި މެމްބަރުން ވެސް ތިބެންވީ އެވެ. އެހެން ނަމަވެސް ހަދާން ބަހައްޓަންޖެހޭ ކަމަކީ އެއީ "ރައްޔިތުންގެ" މަޖިލިސް ކަމެވެ. އެއީ ސިޔާސީ ޕާޓީތަކުގެ މަޖިލީހެއް ނޫނެވެ. އެހެން ކަމުން އެތަނުގައި މަސައްކަތް ކުރަންޖެހޭނީ ޕާޓީތަކުގެ ހައްގަށްވުރެ ބޮޑަށް މުޅި ރައްޔިތުމީހާގެ ހައްގަށެވެ.

ބަޖެޓް ފާސްކުރުމާއި، ސަރުކާރުން ކުރަން ބޭނުންވާ ކަންކަމުގައި އިދިކޮޅެއް، ކުލައެއް ތަފާތު ނުކޮށް ރައްޔިތުންނަށް އެކަމަކުން މަންފާ ކުރާނެ ނަމަ އެކަމަކަށް ވަކާލާތު ކުރަންޖެހޭނެ އެވެ. އެއީ ރައްޔިތުން އެ މެމްބަރުންގެ ކޮނޑުގައި އިތުބާރާއެކީ އަޅުވާ ޒިންމާއެވެ. މެމްބަރުން ވާންޖެހޭނީ ރައްޔިތުމީހާގެ ހާދިމަކަށެވެ.

މަޖިލީހުގެ ކޮންސެޕްޓްގައި ދެން އެންމެ ބޮޑަށް ރައްޔިތުންނަށް އޮޅިފައި އޮންނަ ކަމަކީ މަޖިލީހުގެ މެމްބަރުންނަކީ ދާއިރާތަކަށް ބޮޑެތި ކަންކަން ކޮށްދޭ ބައެއް ކަމުުގައި ވިސްނިފައި އޮތުމެވެ.

މަޖިލީހަށް ވަނުމުގެ ބޭނުމުގައި ކުރާ ވައުދުތަކެއް ވެ އެވެ. އެ ވައުދު ވުމަކުންވެސް މައްސަަލައެއް ނެތެވެ. ނަމަވެސް އެ ވައުދެއް ވާންވާނީ ތިމާއަކީ ސަރުކާރު ނޫން ކަމާއި، ތިމާގެ ހައިސިއްޔަތު އެނގިހުރެ އެވެ. ސަރުކާރުގެ އެތެރެއިން ނިންމާ ކަންކަން ކޮށްދޭން މަޖިލީހަށް ކުރިމަތިލާ މީހަކު ވައުދު ވާނަމަ އެވަނީ ގޯސް ވައުދެކެވެ. މަޖިލީސް މެމްބަރަކަށް އެކަމުގައި އަދާ ކުރެވޭނެ ހަމަ އެކަނި ދައުރަކީ ސަރުކާރަށް އެކަމެއް ކުރުމަށް "ލޮބީ" ކުރުމެވެ.

މަޖިލީހުގެ ކޮންސެޕްޓް ތެރެއަށް އިތުރުކުރަންޖެހޭ ކަމެއްވެސް އެބަ އޮތެވެ. ފަސް ހާސް ރައްޔިތުން ތަމްސީލު ކުރަން މަޖިލީހަށް އިންތިހާބު ކުރާ މީހާއަށް އެ ރައްޔިތުން ކުރާ އިތުބާރު ގެއްލިއްޖެ ނަމަ، އެމީހާގެ ހައިސިއްޔަތު ގެއްލޭނެ ގޮތެއް ހަދަން އެބަޖެހެއެވެ. އެކަން ކުރަން އެންމެ ރަނގަޅު ގޮތަކަށްވާނީ މެންބަރު ކަމުގައި އެމީހަކު ބެހެއްޓުމާމެދު ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. ނުފެންނަ ކަމަށް ރައްޔިތުން ނިންމައިފި ނަމަ އެމީހެއްގެ މެމްބަރުކަމުގެ ހައިސިއްޔަތު ގެއްލެންވާނެ އެވެ. އަދި އެ ދާއިރާއަށް ރައްޔިތުންގެ އާ މަންދޫބަކު އިންތިހާބު ކުރުމުގެ ފުރުސަތު އެ ރައްޔިތުންނަށް އޮންނަން ވާނެ އެވެ.