ހަބަރު

ސަލަފްގެ ދަރުހެއް ނުހުއްޓުވަން، އެދުނީ ހުއްދަ ނަގައިގެން ކުރިޔަށް ގެންދަން: މިނިސްޓަރު

ޖަމިއްޔަތުއް ސަލަފުން ބާއްވަން އުޅުނު ދަރުސް ހުއްޓުވާފައި ނުވާނެ ކަމަށާއި އެދިފައި ވާނީ ހުއްދަ ހޯދައިގެން ކުރިޔަށް ގެންދިޔުމަށް ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

"ދީން ހިމާޔަތް ކުރުން" ނަމުގައި ސަލަފްގެ ދަރުހެއް ރޭ އަރަބިއްޔާ ސްކޫލުގައި ބޭއްވުމަށް އޮތީ ނިންމައިފަ އެވެ. ނަމަވެސް އެ ދަރުސް ކުރިޔަށް ގެންގޮސްފައެއް ނުވެ އެވެ. އަދި އެ ޖަމްއިއްޔާއިން ބުނަނީ، އެ ދަރުސް ނުބޭއްވުނީ ހުއްދަ އެކަމަށް ހުއްދަ ނުލިބިގެން ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް"އާ ވާހަކަދައްކަވަމުން ޒާހިރު ވިދާޅުވީ ދަރުސްއެއް ބާއްވަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު އެކަމަށް ނަގަން ޖެހޭނެ ކަމަށް ގަވައިދުގައި ބަޔާން ކުރާ ހުއްދަ ނެގުމަށް ސަލަފްއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ ޖަމިއްޔާއިން ހުއްދަ ނަގައިގެން ކުރިޔަށް ގެންދިޔުމަށް ދެކޮޅު ހަދަމުން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ތަކުރާރުކޮށް އެ ހުއްދަ ނެގުމަށް އެދިފައިވީ ނަމަވެސް ހުއްދަ ނުނަގާ ކުރިޔަށް ގެންދިޔުމަށް ނިންމެވި ކަމަށާއި ނަމަވެސް ފަހުން އެ ދަރުސް ކެންސަލްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާާޅުވި އެވެ.

"2018 ވަނަ އަހަރު ފެބްރުއަރީ މަހުން ފެށިގެން އަމަލު ކުރަމުންދާ ގަވައިދެއް އޮންނާނެ އިލްމުވެރިން އަމަލު ކުރަން ޖެހޭ. އަޅުގަނޑުމެން އެދިފައި ވާނީ އޭގެ ދަށުން ހުއްދަ ނަގައިގެން ދަރުސް ކުރިޔަށް ގެންދަން، ނަމަވެސް ސަލަފް އިން ބުނަނީ ދީނީ މިނިވަންކަމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބެން ޖެހޭނެ ކަމަށް. އަޅުގަނޑުމެން އެކަމަކަށް ދެބަހެއް ނުވަން. މި ބުނަނީ ކުރީ ސަރުކާރުތަކުގައި ވެސް އަމަލު ކުރާ ގޮތަށް ހުއްދައެއް ނަގައިގެން ކުރިޔަށް ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ އޭނާ މިނިސްޓަރު ކަމާ ހަވާލުވުމަށް ފަހު ދީނީ އިލްމުވެރިންގެ ހުރި އެފަދަ ކަންކަން ފަސޭހަކޮށްދިނުމަަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން މެސެޖެއް ކޮށްލައިގެން ވެސް ދަރުސް ބާއްވަން ހުއްދަ ލިބޭ ގޮތަށް ގަވައިދު ބަދަލު ކުރެވިދާނެ ކަމަށާއި ނަމަވެސް އެކަން ކުރެވެންދެއް މިހާރު އޮތް ގަވައިދަށް އަމަލު ކުރަން ޖެހޭ ކަމަށެވެ.

"މި އުޅެނީ ދީނީ އިލްމުވެރިންގެ ތެރޭގައި މައްސަލައެއް ޖެހިގެނެއް ނޫން، އަޅުގަނޑުމެންނަކީ އަބަދުވެސް އެކުވެރިން، އެކަމަކު އަޅުގަނޑުމެން ސަރުކާރުން އެބަ ޖެހޭ އެގޮތަށް ހިނގާ ހުރިހާ ހަރަކާތެއް މޮނިޓާ ކުރެވޭނެ ގޮތެއް ވެސް ގެންގުޅެން، އެގޮތުގެ މަތިން ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އަޅުގަނޑުމެން އެދުނީ، އެއްގޮތަކަށް ވެސް ދަރުސް ހުއްޓުވާ ހުރަސް އަޅާފައި ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބާއްވަނީ ފޯރަމެއް، ހުއްދަ ނަގާކަށް ނުޖެހޭ: ސަލަފް

އެ މައްސަލާގައި "އަވަސް"އާ ވާހަކަދައްކަވަމުން ސަލަފްގެ ރައީސް އަބްދުﷲ މުހައްމަދު އިބްރާހިމް ވިދާޅުވީ އެ ޖަމިއްޔާއިން ކުރިޔަށް ގެންދަން މަސައްކަތް ކުރީ ދަރުހެއް ނޫން ކަމަށާއި އެއީ ދީނީ އިލްމުވެރިންގެ މެދުގައި ބާއްވާ ފޯރަމެއް ކަމަށެވެ. އެކަމަކަށް ހުއްދަ ނަގާކަށް އެއްވެސް ގަވައިދެއްގައި ބުނެފައި ނުވާ ކަމަށާއި ބާއްވާ ތަނާއި އެހެން ތަންތަނުން ނަގަން ޖެހޭ ހުރިހާ ހުއްދައެއް ހޯދާފައިވަ ކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.

"އެ ބޭފުޅުން ބުނަނީ ދަރުސް ބާއްވަން ނަގަން ޖެހޭ ހުއްދައެއް ނަގަން، އަޅުގަނޑުމެން މި ބާއްވަނީ ފޯރަމެއް، އޭގައި ބައިވެރިވަނީ ދަރުސް ދިނުމުގެ ހުއްދަ ގާނޫނުން ދޭ އިލްމުވެރިންތަކެއް. މީގެ ކުރިން ފަސް ފޯރަމް ބާއްވައިފިން އަޅުގަނޑުމެން. އެއްވެސް ހުއްދައެއް ނަގާކަށް ނުޖެހޭ. އެހެންވެ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެ ހުއްދައެއް ނަގަން ޖެހޭކަމަކަށް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

އަބްދުﷲ މުހައްމަދު ވިދާޅުވީ އެ ފޯރަމް އަދިވެސް ބާއްވާނެ ކަމަށާއި ބާއްވާ ތާރީހު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.