ހަބަރު

އެމްޓީޑީގެ ޓިކެޓްގައި މަޖިލިހަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް ތާޑްވޭ ޑެމޮކްރެޓްސް (އެމްޓީޑީ)ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.

އެމްޓީޑީގެ ނައިބް ރައީސް ޔާމީން ރަޝީދު "އަވަސް"އަށް ވިދާޅުވީ، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހާ ހަމަޔަށް އެމްޓީޑީގެ ޓިކެޓްގައި މަޖިލިސް އިންތިހާބުގައި ވާދަ ކުރަން ޝަައުގުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޔާމީން ވިދާޅުވީ، މަޖިލީހުގެ ހުރިހާ ދާއިރާއަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެހެން ނަމަވެސް ދާއިރާތަކަށް ކުރިމަތިލާނެ ކެނޑިޑޭޓުންނާއި، ދާއިރާތަށް ކަނޑައަޅާނީ އެކަމަށް އެދި އެ ޕާޓީއަށް ހުށަހަޅާ ފަރާތްތައް އިވެލުއޭޓްކޮށް، އެޕާޓީން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ޕާޓީގެ ކައުންސިލުން ކަމަށެވެ.

މީގެ އިތުރުން، މި މަހުގެ 9 ވަނަ ދުވަހާ ހަމަޔަށް އެ ފުރުސަތު ހުޅުވާލާފައިވާ އިރު، އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެ ޕާޓީން ވާދަ ކުރާނެ ދާއިރާތަކާއި، ކެނޑިޑޭޓުން ކަނޑައަޅާ އިއުލާން ކުރުމުގެ މަސައްކަތް ވަރަށް އަވަށް ކޮށް ނިންމާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.