ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ ޕާޓީ، އެމްޓީޑީގެ ޓިކެޓްގައި ރ. މަޑުއްވަރީ ދާއިރާއަށް ވާދަ ކުރެއްވުމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ޔާމީން ރަޝީދު ނިންމަވައިފި އެވެ.
އޭނާ މިހާރު ހުންނެވީ ވެލިދޫ ދާއިރާގެ މެންބަރުގެ ގޮތުގަ އެވެ. ނަމަވެސް އެ ދާއިރާއަށް ދެން ވާދަ ނުކުރައްވަން ވަނީ ނިންމަވާފަ އެވެ. އެކަމަކު، ޕީޕީއެމްއިން ވަކިވެ، އެމްޓީޑީއަށް ގުޅުމުގެ ކުރިން ވެލިދޫ ދާއިރާއަށް އޭނާ ކެމްޕެއިން ކުރެއްވި އެވެ.
ވެލިދޫ ދާއިރާގެ ޓިކެޓް ވެސް ރައީސް އަބްދުﷲ ޔާމީން އޭނާ ދެއްވި އެވެ. ޓިކެޓް ދޫކޮށްލައްވައި އެމްޓީޑީއާ ގުޅިވަޑައިގެން މިހާރު މަސައްކަތް ކުރައްވަނީ އެ ޕާޓީގެ އެންމެ އިސް ސަފުގަ އެވެ. އޭނާ މިއަދު ވަނީ އެމްޓީޑީގެ ޓިކެޓް ހޯދުމަށް ހުށަހަޅުއްވާފަ އެވެ.
އެމްޓީޑީއިން ވަނީ އެ ޕާޓީގެ ޓިކެޓްގައި އަންނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާފަ އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި މީގެކުރިން މަސައްކަތް ކުރެއްވި ޔާމީން މަޑުއްވަރީ ދާއިރާއަށް ވާދަ ކުރައްވާއިރު އެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އަމީތު ވެސް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވަ އެވެ.
އޭގެއިތުރުން ރައީސް ޔާމީންގެ ޕީއެންސީގެ ޓިކެޓްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ވާދަ ކުރައްވަ އެވެ. އެމްޑީޕީގެ ފަރާތުން އާދަމް ޝިހާމް ވެސް މަޑުއްވަރީ ދާއިރާއަށް ކުރިމަތިލަ އެވެ.