ހަބަރު

އެމްޑީޕީ ކެނޑިޑޭޓުންގެ ފޯމްތައް މި ހަފުތާގައި އީސީއަށް ހުށަހަޅަނީ

އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ ފޯމްތައް މި ހަފުތާ ތެރޭގައި އިލެކްޝަން ކޮމިޝަން (އީސީ) ހުށަހަޅާނެ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.

އެމްޑީޕީގެ ވހަރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ، މިއަދު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަމުންދާ މަސައްކަތަކީ މަޖިލިސް އިންތިހާބުގެ ހުރިހާ ކެނޑިޑޭޓުންގެ ފޯމްތައް ކޯޓް ކްލިއަރެންސަށް ފޮނުވުން ކަމަށެވެ.

"ކޯޓް ކްލިއަރެންސްއާ އެހެނިހެން ކަންކަން ނިންމުމަށްފަހު އަޅުގަނޑުމެން މި ގަސްތު ކުރަނީ މި ހަފުތާގެ ފަހުކޮޅު އިލެކްޝަން ކޮމިޝަނަށް ހުރިހާ ފޯމެއް ސަބްމިޓް ކުރަން،" އަފްޝަން ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ، ފޯމްތައް ކޯޓް ކުލިއަރެންސް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ނިމޭނެ ކަމަށެވެ.

އަފްޝަން ވިދާޅުވީ، އީސީއަށް ސަބްމިޓް ކުރުމުގެ އިވެންޓް ވަރަށް ކުލަގަދަކޮށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ހަފުތާގެ ފަހު ދުވަހު ޕޯސްޓަރު ހިތްޕުމުގެ ހަރަކާތެއް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އިން ވަނީ 87 ދާއިރާއަށް ވާދަކުރަން ވަނީ ނިިންމާފަ އެވެ. މިދިޔަ ހުކުރު ދުވަހު ވަނީ އެ ފަރާތްތަކަށް ރަސްމީކޮށް ޓިކެޓް ހަވާލުކޮށްފަ އެވެ. މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާދަ ކުރައްވަ އެވެ. އެމަނިކުފާނު ވާދަ ކުރައްވަނީ މައްޗަންގޮޅި މެދު ދާއިރާ އަށެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންްގެ ފޯމްތައް މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ހުށަހެޅުމަށް އީސީން ވަނީ ހުޅުވާލާފަ އެވެ. މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އޭޕްރީމް މަހުގެ ހަވަނަ ދުވަހު އެވެ.