ވާހަކަ

އީޝަލް

(31 ޖެނުއަރީ 2019 އާ ގުޅޭ)

"އެއީތަ ދަރިފުޅު" ޖޫދާ އިޝާރާތްކުރީ ބަހީރާގެ ގާތުގައި ހުރި އީޝަލްއަށެވެ. ކަންބޮޑުވެފައި ހުރެ މީކާޢިލް ބޯޖަހާލީ އެއްބަސްވަމުންނެވެ. އޭރު އޭނާގެ ނަޒަރު ވެސް ހުއްޓިފައި ހުރީ އީޝަލްއަށެވެ.

ޖޫދާ އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލީ އެ މީހުންގެ ގާތަށް އައިޒަންއާއި ބިންޏާމީން އައުމުންނެވެ. ޙަފުލާގެ ހުރިހާކަމެއް އަދި ނުނިމޭކަމުގައި އައިޒަން ބުންޏެވެ.

ޖޫދާއާއި ބަލްޤިސް އެ މީހުން ތިބުމަށް ޚާއްޞަކޮށްފައިވާ އުނދޯލީގައި މަޑުކުރުމަށް ބުންޏެވެ. މީކާޢިލް ހިނގައިގަތީ އައިޒަންއާއެކުއެވެ. ބަހީރާގެ ގާތުގައި އީޝަލް އިނެވެ. އިހު ތިބިހެން މީކާޢިލް ވެސް އައިޒަންއާއެކު އުނދޯލީގައި އިށީނދެއްޖެއެވެ. އެންމެން ހަމަޖެހުމުން އެތަނުގައި ރަސްގެފާނުގެ އިޝާރާތަކަށް މަޑުކޮށްލައިގެން ހުރި ވަޒީރަކަށް އައިޒަން ބަލާލިއެވެ. ބޮލުން ކޮށްލި އިޝާރާތާއެކު އޭނާ ޣައިބުވިއެވެ. ފަޅި ސިކުންތެއްގެ ތެރޭގައި ދެން ފެނުނީ ރަންތަބަކެއް ހިފައިގެން އައިޒަންގެ ގާތަށް އަންނަ ތަނެވެ. އޭގައި އޮތް އެއްޗެއް އޮތީ ފޮތިގަނޑަކުން ނިވާ ކުރެވިފައެވެ. ކުރުނީސްކޮށް އޭނާގެ އަތުގައިވާ ތަބަށް އައިޒަންއަށް ދިއްކޮށްލިއެވެ. އޭގައި އަޅާފައި އޮތް ފޮތިގަނޑު އައިޒަން ނެގިއެވެ. އަދި ތަބަކުގައި ބާއްވާފައި އޮތް ކަނޑި ދެއަތުން އައިޒަން ނެގިއެވެ. ފަރުވާތެރިކަމާއެކު އެއަށް އޭނާ ބަލާލިއެވެ. ރިހިން ޖަރީކުރެވިފައިވާ އުރައަކަށް ލާފައި އޮތްއިރު ކަނޑީގެ މުއްގަނޑުގައިވަނީ ފެހިކުލައިގެ އޮފުއަރާ ޢަޤީޤެއް ހަރުކޮށްފައެވެ. މުއްގަނޑުގައި ރަސްކަމުގެ ސިއްކަ ފެންނަން ހުއްޓެވެ. އެ ކަނޑިއަށް ބަލަން ހުރި އައިޒަންގެ ތުންފަތުގައި ހިނިތުންވުމެއްވިއެވެ. އެއީ އެ ދުވަހަށް ޚާއްޞަކޮށްގެން އޭނާގެ ބެލުމުގެ ދަށުން ތައްޔާރުކުރެވުނު ކަނޑިއެކެވެ. އައިޒަން ތެދުވެ ޖޫދާއަށް ގޮވާލިއެވެ. އޭނާގެ އަތުގައި އޮތް ކަނޑި އަލުން ތަބަކުގެ ތެރޭ ބާއްވާލަމުންނެވެ.

"މަރުޙަބާ ޖޫދާ... މިހާރު ތީ މި ޢާއިލާގެ ކުއްޖެއް، މިއަދުން ފެށިގެން އަހަރެންގެ ދަރިފުޅުގެ ހަށިފާރަވެރިއަކީ ތީ، އެ ދަރިފުޅު ކަލޭގެ ފަހުނޭވާއާ ހަމައަށް ރައްކާތެރިކުރާތި" ޖޫދާގެ ދެކޮނޑުގައި އައިޒަން ހިފަހައްޓާލައިގެން ހުރެ ބުންޏެވެ. އޭނާގެ ވާހަކަތަކަށް ޖޫދާ ބޯޖަހަމުންދިޔައެވެ. ދެން ފެނުނީ ކަނޑިނަގައި ޖޫދާއަށް ދިއްކޮށްލި ތަނެވެ.

"މި ކަނޑި ކަލޭ ރައްކާތެރިކޮށްދޭނެ، ކަލޭގެ ދުޝްމަނުން ބަލިކުރާނެ، ކަލޭގެ ސާބިތުކަން އިތުރުކޮށްދީ ކަލޭގެ އެންމެ ގާތުގައި ހުންނަ އެންމެ ވަފާތެރި ޚާދިމުކަމުގައިވާނެ" އައިޒަން ބުންޏެވެ. ޖޫދާގެ މޫނުން އިހު ފެންނަން ހުރި ހާސްކަން ފިލައި އުފާވެރިކަން ފާޅުވިއެވެ. އުރައިގެ ތެރެއިން ކަނޑި ނަގަން އޭނާ ހުރީ ކެތްތެރިކަންކުޑަވެފައެވެ. ނަމަވެސް އޭނާ އެކަން ކުރުމުގެ ކުރީން އައިޒަންއަށް ބަލާލިއެވެ. ޝުކުރު އަދާކުރުމަށް އަވަސްވެލިއެވެ. ޖޫދާގެ ޒުވާންކަމުގެ ޖޯޝު ފެނި އައިޒަންއަށް ތަންކޮޅެއް ބޮޑަށް ހީނލެވުނެވެ. ޖޫދާގެ ބުރަކަށީގައި ޖަހާލަމުން މެހެމާނުންނާ ކުރިމަތިލުމަށް އައިޒަން ބުންޏެވެ. އެއާއެކު ހިނިއައިސްފައި ހުރެ އެ ޙަފުލާއަށް ހާޟިރުވެ ތިބި މެހެމާނުންނާ ޖޫދާ ކުރިމަތިލިއެވެ. އަދި އަތުގައި އޮތް ކަނޑި އުރައިން ދަމައިގަނެ މައްޗަށް ހިއްލާލިއެވެ. އެ ކަނޑިއަށް އޭނާ ބަލާލީ ދެނެވެ. ކޮޅު ދެކަފިވެފައިވާ ކަޑިއެކެވެ. މިޔައިގެ ތޫނުކަން އަޅަމުންދިޔަ ދަޅައިން އެކަނި ވެސް ދެނެގަންނަން އެނގޭހާވެއެވެ. ކަނޑީގެ އެއްފަޅީގައި ޖޫދާގެ ފުރިހަމަ ނަންވާއިރު އަނެއްފަޅީގައި ލިޔެފައި އޮތީ ނަސުރުގެ މަދަދުގާރަކީ ހުރިހާ އެއްޗެއްގެ ވެރި އިލާހުކަމެވެ. އެ މަޖިލީހުގައި ތިބި ޖިންނީންގެ އަޑު ގަދަވިއެވެ. ރަސްގެފާނަށާއި ގަނޑުވަރުގައި ކުރެވުނު ކައިވެނީގެ އަލަތު ދެމަފިރިންނަށް ހެޔޮ ބަސްތަކުން ތަހުނިޔާ ކިޔާ އަޑުފަށްގަނޑެވެ.

ޒިޔަޒެލްގެ ގާތުގައި އިން މިޒަރެންގެ ނަޒަރު ބަލްޤިސްއާއި ޖޫދާއަށް ހުއްޓެމުންދިޔައެވެ. އެ ދެ ޒުވާނުންނަކީ އެންމެ ފުރިހަމަ ޖޯޑުކަމުގައި އޭނާގެ ބަލިކަށި ހިތް ވެސް އެއްބަސްވިއެވެ. ހިތުގެ އަޑިން ބަލްޤިސްއަށް އުފާވެރި ޒަވާޖީ ހަޔާތެއް ލިބުމަށް އެދި އޭނާ ދުޢާކުރިއެވެ. ޖޫދާއަކީ ބަލްޤިސްގެ މައްޗަށް އޯގާތެރި ކުލުންވެރި ފިރިއެއްކަމުގައި ލެއްވުމަށް ވެސް މިޒަރެންގެ ހިތް އެދެމުންދިޔައެވެ. ހިތުގައި ކުނޑިފުކެއްގެ މިންވަރަށް ވެސް ކިލަނބުކަމުގެ އަސަރު ހުރެއްޖެނަމަ އޭނާގެ ބުއްދީގެ މައްޗަށް ޝައިޠާނާ ގަދަވެދާނޭކަން މިޒަރެން ދަނެވެ. އެހެންވެ ބަލްޤީސްއާއި ޖޫދާގެ މައްޗަށް އޭނާގެ ހިތް ޙަލާސްކުރިއެވެ. ހުރިހާކަމެއްގެ ވެރި އިލާހާ ވަކީލުކުރީއެވެ.

ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިން އީޝަލްއަށް ވިސްނެމުންދިޔައީ ރައުލްއާ މެދުއެވެ. އޭނާއާ ރައުލް ކައިވެނިކުރާނޭ ވާހަކަބުންޏެވެ. އެ ކައިވެނީގެ ޙަފުލާ މިހާ ފުރިހަމަ ވެދާނޭ ބާއޭ އީޝަލްގެ ހިތަށް އަރަމުންދިޔައެވެ. ނޫނީ އެކަން ބިލާހަކަށްވެ ނިމޭނީ ތޯ އަމިއްލަ ޟަމީރާ ސުވާލުކުރެއެވެ. ޙަފުލާގެ އުފާވެރިކަން އެންމެންގެ މޫނުމަތިން ފާޅުވާއިރު ވެސް އީޝަލްގެ ތުންފަތުގައިވި ލުއި ހިނިތުންވުމާ އޭނާގެ ދެ ލޯ އެއްބަހެއްނުވެއެވެ. މީކާޢިލްގެ ހާލަކީ ވެސް އެއީއެވެ. ދަރިފުޅާމެދު ކަންބޮޑުވެފައިވާއިރު އަންހެންކޮއްކޮގެ އުފަލުގައި އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވާން އޭނާ މަސައްކަތްކުރެއެވެ.

ކައިވެނީގެ ވަލީމާގެ ގޮތުގައި ރޭގަނޑަށް ބޮޑު ޖާފަތެއް ހަމަޖެހިފައި އޮތެވެ. އެގޮތުން އެ މީހުންގެ ތެރޭގައި ގެންގުޅޭ ބަކަރިތައް އަތުރާފައި ހުއްޓެވެ. އެމީހުންގެ ސަގާފަތުގެ ތެރޭގައި އޮންނަ އުސޫލެއްގެ ގޮތުން ކައިވެނީގެ ޖާފަތް ފެށޭނީ ފިރިމީހާގެ އަތުން ކަތިލެވޭ ހަލާލު ޖަނާވަރަކުންނެވެ. އެކަމުގައި އިރުޝާދުދޭން އިސް ޖިންނިއަކު އުޅެއެވެ. ޖޫދާގެ ގާތުގައި އައިޒަންއާއި ބިންޏާމީން ހުއްޓެވެ. އައިޒަންގެ ގާތުގައި މީކާޢިލްއާއި ޒިޔަޒެލްގެ އިތުރުން މިޒަރެން ވެސް ހުއްޓެވެ. ފިރިހެން ޖިންނީން އުޅޭ ގޮތް ބަލަން ހިޔާކޮށްފައި ހުރި ބައިގައި އަންހެނުންތައް ތިއްބެވެ. އެމީހުންގެ ތެރޭގައި ކުރިއަށް ނުކުމެ ބަހީރާއާއި ބަލްޤިސްގެ އިތުރުން އީޝަލް ހުއްޓެވެ. އެ ހުރިހާކަމެއް އީޝަލްއަށް އޮޅުންފިލުވައިދޭން ބަހީރާ މަސައްކަތްކުރިއެވެ.

ޖޫދާގެ ކަނޑިން ހަތް ބަކަރި ކަތިލުން އޮތެވެ. ފުރަތަމަ ކަމަކަށް އިސް ޖިންނީގެ އަޑު ދަށުން ދުޢާކުރިއެވެ. އެއަށްފަހު އޭނާ ބުނި ގޮތަކަށް ބަކަރި ބާއްވައި އޭގެ ކަރުދޮށް ލޯތަށްޓަކަށް ދިމާކުރިއެވެ. ޖޫދާގެ ކަނޑީގެ މިޔަ ޖައްސާލީ އޭނާއަށް އެކަމަށް އަމުރުކުރެވުމުންނެވެ. މިޔައިގެ ތޫނުކަމުން ކަނޑި ޖައްސާ ދަމާލިހިނދު ދުނިޖަހައި ލޭތައް ބަކަރީގެ ކަރުން ނުކުތެވެ. އަދި ބޮކިޖަހައި ލޯތަށީގެ ތެރެއަށް ލޭތައް ފައިބަމުންދިޔައެވެ. ބަކަރިން ލޭ ފައިބާ ނިމުމުން އެ ލޯތަށިތައް އެ މީހުންގެ ތެރޭގައި އަނދިރީގައި އުޅޭ ޖިންނީންނަށް ކުރެވޭ ޞަދަޤާތަކަށްވާނޭ ކަމުގައި ބުންޏެވެ. އެއްވެސް އެއްޗެއް ބަކަރިން ބޭކާރުވެގެން އެއްލާލަން ނުޖެހޭނޭކަމެވެ. އެފަދައިން ހަތް ބަކަރި ޖޫދާގެ އަތުން ކަތިލެވުނެވެ. އެއަށްފަހު އެ މަސައްކަތް ކުރުމަށް އަޅައިގެން ހުރި ލިބާސް ބާލައި އެ ތަނުގައި ހުރި އިސް ޖިންނީގެ ގާތުގައި ހުރި ޚާދިމުގެ އަތަށް އެ ދިނެވެ. ސާފު ފެނުން ޖޫދާގެ ކަނޑި ދޮވެގެން ގެނެސްދިނީ ވެސް އެ ޚާދިމެވެ. އެކަން ނިމި ގަނޑުވަރުގެ ތެރެއަށް އެންމެން އެކުގައި އެނބުރި އައެވެ. ކުޅިވަރުތައް ރޭވިފައި ހުރި ގޮތް އެންމެހާ މެހެމާނުންނަށް އޮޅުންފިލުވައިދެމުންދިޔައީ ސުފުރާތަކަށް އިންސާފުކުރުމުގައި ތިބެއެވެ.

* * * * *

އިޝާ ނަމާދުގެ ފަހުން އެންމެން ބައްދަލުވާ ގޮތަށް ނިންމައި މެހެމާނުންތައް ބައިބައިވިއެވެ. އެއްބަޔަކު އަރާމުކުރުމަށް އެ މީހުންނަށް ޚާއްޞަކުރެވުނު ކޮޓަރިތަކަށް ދިޔައެވެ. މީކާޢިލް އޭނާގެ ކޮޓަރިއަށް އައުމުގެ ކުރީން އީޝަލް ކޮބައިތޯ ބަލާލިއެވެ. އޭނާއަށް އީޝަލްގެ ކޮޓަރިއާ ހަމައަށް ނާދެވެނީސް އެ ކޮޓަރިން ނުކުމެގެން އަންނަ ބަހީރާއާ ބައްދަލުވިއެވެ.

"ކޮބާތަ އީޝަލް؟ ކޮޓަރީގައި ނެތީމައި މަންމަ ހީކުރީ އެކުއްޖާފުޅުވީ މީކާޢިލްގެ ގާތުގައި ކަމަށް" ބަހީރާ ބުންޏެވެ.

"ގަނޑުވަރުގެ ކޮންމެވެސް ދިމާއެއްގައި ފިލާ އިނދެދާނެ" ހިނިތުންވަމުން މީކާޢިލް ބުނެލިއެވެ.

"މީކާޢިލް، އާދެބަލަ" މީކާޢިލްގެ އަތުގައި ހިފައިގެން ބަހީރާ އެކަހެރިވެލިއެވެ. ހީވީ އެ މީހުންގެ ވާހަކަތަކަށް ކަންފަތެއް ހުއްޓިފައި ހުރެދާނޭތީ އެކަމުން ރައްކާތެރިވީހެނެވެ.

"މިއަދު އެވީ ކަންތަކުން މަންމަ ވަރަށް ދެރަވި، އެ ޙަފުލާގައި ދަރިފުޅު ބައިވެރިކުރީ ލަދުގަންނަވާލައި ގަދަރުކުޑަކޮށްލާކަށްނޫން، މި ހުރިހާކަމެއްގައި އަހަރެންގެ މީކާޢިލްއާއި އީޝަލް ބައިވެރިކުރާހިތުން އަހަރެން ހުރީ ކެތްމަދުވެފައި، އެހެންވެ ވިސްނާނުލެވުނީ މިފަދަ ކަމެއް ވެދާނޭ" މީކާޢިލްގެ މޭގައި ކަނާއަތްޖައްސާލައި ބަހީރާ އިސްޖަހާލިއެވެ.

"މަންމާ... ކުށްކުރީ އަޅުގަނޑު، މަންމަ އަޅުގަނޑުދެކެ ލޯބިވާވަރު އެނގޭ، އަޅުގަނޑުގެ އީޝަލްދެކެ ލޯބިވާވަރު ވެސް އެނގޭ، އެއައީ ކޮންބައެއްކަން ނޭނގެނީއެއްނޫން، އެމީހުންގެ އުސޫލުތަކާއި ޤަވަޢިދުތައް ރަނގަޅަށް ހަނދާން އެބަހުރި، އެކަމާ މަންމަ ދެން ހިތްބަރުނުކުރޭ، އަޅުގަނޑުގެ ހިތުގައި ނެތް އެކައްޗެއްވެސް" މީކާޢިލް ބުންޏެވެ.

"ދަރިފުޅު ޖޫދާއާ ބައްދަލުކޮށްފިންތަ؟ މަންމަމެން ދަޢުވަތު ދިންކަން އެނގި ދަރިފުޅާ ބައްދަލުކުރާހިތުން އޭނާ ހުރީ ކެތްތެރިކަންކުޑަވެފައި" ބަހީރާ ހިނިތުންވެލިއެވެ. މީކާޢިލް ވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ.

"އީޝަލް ހޯދައިގެން މަންމަ ގާތަށް އެކުއްޖާ ނިކަން ގެނެސްދީބަލަ، ގަނޑުވަރު ތެރޭގައި އެތަންމިތަނަށް އެކުއްޖާފުޅު އެކަނި ދާކަށް މަންމަ ހިތްހަމައެއްނުޖެހޭ" ބަހީރާ ބުންޏެވެ.

* * * * *

ބަގީޗާއަށް ވަނުމަށް މަތި ވަށްކޮށް ހުންނަ ދޮރުތަކެއް ފަދައިން ޖަހާފައި ހުރި ފެންސުވަނީ ރަތްކުލައިގެ މާއެޅި ވެޔޮގަނޑުން ނިވާވެފައެވެ. ކައިރިކައިރީގައި މަގެއްހެން އެ ފެންސުތައް ޖަހާފައި ހުއްޓެވެ. ވަދެގެން އާދެވެނީ އޭގެ ހިޔަލުގައެވެ. ކޮންމެ ފެންސެއް ވަނީ މާތަކުން ބަރާވެފައިވާ ވެޔޮގަނޑުތަކުން ފޮރުވިފައެވެ. ހީވަނީ ތަފާތު ދިރުމެއް އޭގައިވާހެނެވެ. ހިޔާވާގޮތަށް ހަދާފައި ހުރި ތަނެއްގައި އޮމާންކުރެވިފައިވާ ގަލުގެ އަށްޓެއް ހުއްޓެވެ. އުދަރެހަށް އަނދިރިކަން ވެރިވަމުން އައިއިރު އެތަން ވެޔޮގަނޑުން ހިޔާއެޅިފައި ހުރުމުން ވަކިން އަނދިރިކަމަށް ދައްކައެވެ. އީޝަލް އޮތީ އެ އަށިމަތީ އޮށޯވެލައިގެންނެވެ. މަތިފެންނަމުންދިޔަ ވެޔޮގަނޑަށް ބަލަހައްޓައިގެންނެވެ. އެހެންނަމަވެސް އޭނާ ފުންމައިގެން ތެދުވީ އެ ތަނަށް މީހަކު އަންނަކަމުގެ ހިލަން ވެގެންނެވެ.

"އެކަނި ނޫޅޭށޭ އީޝަލް ގާތު ބުނީމެންނު" އިވުނީ މީކާޢިލްގެ އަޑެވެ. އޭރު އޭނާ ހުރީ އީޝަލްއާ ދިމާ ކުރިމަތީއެވެ. މަޑުމަޑުން ބޯޖަހާލަމުން އީޝަލް ހިނގައިގަތެވެ. ނަމަވެސް މީކާޢިލް އޭނާ ހުއްޓުވިއެވެ.

"ބޮޑުދައިތަގެ އުފަލުގައި އީޝަލް ބައިވެރިވާން ބޭނުންނުވަނީތަ؟ ތިހެން އުޅޭތީ ބޮޑުދައިތައާއި މާމަ ތިބީ ނުހަނު ކަންބޮޑުވެފައި" މީކާޢިލް ބުންޏެވެ.

"އަޅުގަނޑު ކުރާނޭ ކަމެއް ނެތުމުން މިތަނަށް ނުކުމެލީ" އީޝަލް ބުންޏެވެ.

"އެނބުރިދާންވަންދެން އީޝަލް އުޅެންވާނީ މާމައަށް ފެންނަ ހިސާބުގައި، ޢާއިލާގެ މީހުންނާއެކު ހޭދަކުރަން ލިބުނު ވަގުތުކޮޅުގެ ބޭނުން އަގުހުރި ގޮތުގައި ހިފަންޖެހޭނެ، ބައްޕަ މި ބުނާއެއްޗެއް އީޝަލްއަށް ވިސްނޭތަ" މީކާޢިލް ބުންޏެވެ. އެބަހަށް ކިޔަމަންވާ ފަދައިން އީޝަލް ބޯޖަހާލިއެވެ.

ބަހީރާގެ ގާތަށް އީޝަލް ގެނެސްފައި މީކާޢިލްއަށް ދާން ޖެހުނީ އައިޒަންގެ ގާތަށެވެ. ބައްޕައާއެކު ހޭދަކުރަން ލިބުނު ވަގުތުކޮޅު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން އޭނާ ވެސް ބޭނުމެވެ. އެ ބައްޕައަށް ޓަކައި އޭނާއަށް ކޮށްދެވެން އޮތީ ވެސް އެވަރެވެ.
އިޝާ ނަމާދާ ދޭތެރޭ އޮތް ވަގުތުކޮޅުގައި ބަލްޤިސްގެ ގާތަށް އީޝަލް ގެންދިޔައެވެ. އޭނާގެ އަލަމާރިން ރަނާއި އަލިފާނުގެ ކުލަވަރު ހުރި ޢަޤީޤުތަކެއް ހަރުކޮށްފައިވާ މުއްގަނޑެއްލީ ހިމަދިގު ކަނޑިއެއް ނަގައި އީޝަލްއަށް ދިނެވެ. އަދި އީޝަލްއަކީ އަންހެންކުއްޖަކަށްވިޔަސް އޭނާއަށް ލިބިފައިވާ ބާރުގެ މަތިން ހަނދާންނައްތާނުލާން ބަލްޤިސް ބުންޏެވެ. ކޮންމެފަދަ މައިދާނެއްގައި ވެސް ހަނގުރާމަކުރެވޭނޭވަރު ކުޅަދާނަ ފަހުލަވާނަކަށްވުމަށް ބަލްޤިސް އެދުނެވެ. އަދި އެކަމަށް އީޝަލް ލައްވާ ވަޢުދުކުރުވިއެވެ.

"އީޝަލްގެ މަންމައަކީ ހިތްވަރުގަދަ އަންހެނެއް، އޭނާ ލޯތްބަށް ޓަކައި ކުރީ ވަރުގަދަ ހަނގުރާމައެއް... އަހަރެންގެ ލޯބިވާ އީޝަލް، ލޯތްބަށް ޓަކައި ހަނގުރާމަކުރަން ތައްޔާރުވޭ، ދައްތަ ހުންނާނީ އީޝަލްއާއެކު، އެހާ އަވަހަށް ހިތްވަރު ދޫކޮށްލުމަކީ އަހަރެމެންގެ ސިފައެއްނޫން، އެތައް ޒަޚަމުތަކާއެކު ވެސް ހިތްވަރު ދޫކޮށްނުލާތި... ތިކުރަން އުޅޭ ހަނގުރާމައިގައި ނުރައްކަލެއް އަންނާނީ ކޮންއިރަކު ކޮންދިމާއަކުން ކަމެއް ނޭނގޭނެ، ހުސިޔާރުވެ ހުންނާތި" އީޝަލް ގެނެސް ގާތުގައި ބައިންދަމުން ބަލްޤިސް ވާހަކަދެއްކިއެވެ. އެ މީހުންގެ ތެރޭގައި އަންހެނުން ކަނޑި އުފުލުމެއްނުވެއެވެ. އެހެންވިޔަސް ބަލްޤިސްގެ ވިސްނުން ތަފާތެވެ.

"ބޮޑުދައިތަ ތިދައްކަނީ ކޮންވާހަކައެއްތަ؟" އީޝަލްއަށް ވިސްނައިގަންނަން އުނދަގޫވިއެވެ.

"ރައުލް..." ބަލްޤިސް ބުންޏެވެ. އީޝަލްއަށް ލިބުނު ސިހުން އެ މޫނުން ފޮރުވައެއް ނުލެވުނެވެ. ބަލްޤިސްއާ ހަތަރުކަޅި ހަމަވިގޮތަށް ބުނާނޭ އެއްޗެއް ވެސް އީޝަލްއަކަށް ނޭނގުނެވެ. އެހިނދު އަނެއްކާ ވެސް ބަލްޤިސް ވާހަކަދައްކަން ފެށިއެވެ.

(ނުނިމޭ)