ހަބަރު

ރާއްޖޭގައި އަނގައިގެ ކެންސަރު ވަރަށް އާންމު: އެޗްޕީއޭ

ރާއްޖޭގައި އެންމެ އާންމު ކެންސަރަކީ އަނގައިގެ ކެންސަރު ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ 14 ފެބްރުއަރީ އެވެ. މިއަހަރުގެ ޝިއާރަކީ "އައި އޭމް އެންޑް އައިވިލް" އެވެ.

ކެންސަރު ދުވަހާ ގުޅިގެން އެޗްޕީއޭއިން ނެރުނު ރިޕޯޓެއްގައިި ވަނީ، 2016 ވަނަ އަހަރުގެ އާސަންދަ އާއި އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ އާންމު ކެންސަރަކީ އަނގައިގެ ކެންސަރު ކަމަށެވެ. އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ގިނައިން ދުފުމާއި އަދި ސުޕާރީ ފަދަތަކެތި ބޭނުންކުރުން ހިމެނޭ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ، ރާއްޖޭގައި ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހޭ ކެންސަރުގެ ބަލިތަކަކީ އަނގައިގެ ކެންސަރު ބައްޔާއި ޕްރޮސްޓޭޓް ކެންސަރާއި ބަނޑުގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު ބަލި ކަމަށެވެ. އަދި އަންހެނުންނަށް އެންމެ އާންމުކޮށް ޖެހެނީ އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ތައިރޮއިޑް ކެންސަރާއި ބަނޑުގެ ކެންސަރު އަދި ލޭގެ ކެންސަރު ބަލި ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

"ގަވާއިދުން ސްކްރީން ކުރުމުން ކެންސަރަށް ބަދަލުވުމުގެ ކުރިން ނުވަތަ ކެންސަރުގެ ކުރީކޮޅުގައި ކެންސަރު ބަލި ހުރިތޯ ދެނެގަނެވިއްޖެނަމަ، ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ފަރުވާދީ ގިނަބައެއް މިބަލިން ސަލާމަތް ކުރެވެ،" އެޗްޕީއޭއީގެ ރިޕޯޓްގައި ވެއެވެ.

އެޗްޕީއޭއިން ބުނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބު ކަމަށެވެ. އެގޮތުން މިދިޔަ އަަހަރު 9.6 މިލިއަން މީހުން ކެންސަރު ބަލީގެ ސަބަބުން މަރުވެފައިވެއެވެ.