ކެންސަރާ ދުރުވުމަށް ދުޅަހެޔޮ ދިރިއުޅުމެއް ހިޔާރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައިފި އެވެ.
މިއަދަކީ ދުނިޔޭގެ ކެންސަރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއަހަރުގެ ޝިއާރަކީ "އައި އޭމް އެންޑް އައިވިލް" އެވެ.
ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ކެންސަރާ ދުރުހެލިވުމަށް ދުޅަހެޔޮ ދިރިއުޅުމެއް އިހްތިޔާރު ކުރުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލާ ކަމަށެވެ. އެމަނިކުފާނު ޓްވީޓްގައި ހިމަނާފައިވާ ފޮޓޯގައި ހުންނެވީ ކެންސަރަށް ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގްރާމްގެ ބޯޑް ހިފައިގެނެވެ. އޭގައިވެސް ލިޔެފައިވަނީ ކެންސަރާ ދުރުހެލިވުމަށް ދުޅަހެޔޮ ދިރިއުޅުމެއް އިހްތިޔާރު ކުރުމަށް ރައްޔިތުންނަށް ބާރުއަޅުއްވާނެ ކަމަށެވެ.
ރައީސް ސޯލިހް އެގޮތަށް ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހްމަދުވެސް ވަނީ ކެންސަރަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފަ އެވެ. އެކަމަނާ ވިދާޅުފެއިވަނީ، ކެންސަރަށް ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ، އެބައްޔާމެދު ރައްޔިތުން ހޭލުންތެރިކަން އިތުރު ކުރަންޖެހޭ ކަމަށެވެ. އަދި ދިރިއުޅުމުގެ އެކި ކަންކަމުގައި ރަނގަޅު އާދަ އިސްކޮށް ސިއްހަތަށް ފައިދާ ކުރަނިވި ގޮތް ހިޔާރުކުރެއްވުމަށް އަޒުމް ކަނޑައެޅުއްވުމަށް ނައިބް ރައީސް ވިދާޅުވި އެވެ.
ނައިބް ރައީސްވެސް ކުރެއްވި ޓްވީޓްގައި ހިމަނާފައިވާ ފޮޓޯގައި ހުންނެވީ ކެންސަރަށް ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގްރާމްގެ ބޯޑް ހިފައިގެނެވެ. އޭގައި ލިޔެފައިވަނީ ގަވާއިދުން ކެންސަރަށް ސުކްރީން ކުރަން ބާރުއަޅުއްވާ ކަމަށެވެ.
ކެންސަރު ދުވަހާ ގުޅިގެން އެޗްޕީއޭއިން ނެރުނު ރިޕޯޓެއްގައިި ވަނީ، 2016 ވަނަ އަހަރުގެ އާސަންދަ އާއި އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ އާންމު ކެންސަރަކީ އަނގައިގެ ކެންސަރު ކަމަށެވެ. އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ގިނައިން ދުފުމާއި އަދި ސުޕާރީ ފަދަތަކެތި ބޭނުންކުރުން ހިމެނޭ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ، ރާއްޖޭގައި ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހޭ ކެންސަރުގެ ބަލިތަކަކީ އަނގައިގެ ކެންސަރު ބައްޔާއި ޕްރޮސްޓޭޓް ކެންސަރާއި ބަނޑުގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު ބަލި ކަމަށެވެ. އަދި އަންހެނުންނަށް އެންމެ އާންމުކޮށް ޖެހެނީ އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ތައިރޮއިޑް ކެންސަރާއި ބަނޑުގެ ކެންސަރު އަދި ލޭގެ ކެންސަރު ބަލި ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ކެންސަރު ދުވަހާއި ގުޅިގެން އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން އައިޖީއެމްއެޗްގައިވެސް ވަނީ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް މިއަދު ފަށާފަ އެވެ. މީގެ އިތުރުން އެޗްޕީއޭ އާއި ގައުމީ ޔުނިވާސިޓީއާ ގުޅިގެން ކެންސަރާ ގުޅޭ ޕެނަލް ޑިސްކަޝަން އެއްވެސް ބާއްވަން ވަނީ ނިންމާފަ އެވެ.