ހަބަރު

ޝަރީފްގެ އަބުރަށް އަރައިގަތުމުން ޗެނަލް13އަށް އިންޒާރުދީފި

Feb 4, 2019
6

ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ޕީޕީއެމްއިން ކުރި މުޒާހަރާތަކުގެ ކޮންޓެންޓް ދައްކާފައިވާ ގޮތުން އިލެކްޝަން ކޮމިޝަން، އީސީގެ ރައީސް އަހުމަދު ޝަރީފްގެ އަބުރަށް ގެއްލުންވެފައިވާތީ ޗެނަލް13އަށް އިންޒާރު ދީފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ޗެނަލް13އާ ގުޅިގެން ހުށަހަޅާފައިވާ ތިން ޝަކުވާއެއް މިއަދު ބަލާ ނިންމާފަ އެވެ. އެ ތިން ޝަކުވާއަކީ ވެސް "އޮޅުވާލި ވޯޓު"ގެ ނަމުގައި ޗެނަލް13އިން ގެނެސްދިން ޕްރޮގްރާމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ތިން ޝަކުވާ އެވެ.

އެ ޝަކުވާތައް ބެލުމަށްފަހު ކޮމިޝަނުން ނިންމާފައިވަނީ ޝަރީފަށް "ވަގަށް" ގޮވި ކޮންޓެންޓް ޗެނަލް13އިން ދައްކާފައިވާކަން ތަހުގީގަށް އެނގުނު ކަމާއި އޭގެ ސަބަބުން އޭނާގެ ޝަރީފުގެ އަބުރާއި އިއްޒަތަށް އުނިކަން އަންނާނެ ކަމަށް ދެކޭ ކަމަށް ނިންމުމުގައިވެ އެވެ.

އެހެންވެ އެއީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ އެއް ވަނަ ނަމްބަރާ ހިލާފުވާ ކޮންޓެންޓެއް ކަމަށް ވަނީ ނިންމާފަ އެވެ. އެއީ މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުމާ ހިލާފު ކޮންޓެންޓް ދެއްކުން މަނާ ކުރާ ނަންބަރެވެ.

އެ މައްސަލާގައި މާފަށް އެދި ބަޔާނެއް މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ނެރުމަށް ވަނީ އަންގާފަ އެވެ. އެ އެންގުން އެންގީ ފުރަތަމަ ޝަކުވާއާ ގުޅިގެންނެވެ.

ދެވަނަ ޝަކުވާއާ ގުޅިގެން ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފްނުވުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އިތުރަށް ހިޅާފުވެއްޖެނަމަ، ނުވަތަ މިފަދަ ކަމެއް ދެން ތަކުރާރުކޮށްފިނަމަ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން، ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން ތިންވަނަ ޝަކުވާއާ ގުޅިގެން ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއާވުމުގެ ފުރުސަތު ނުދިނުމަށްޓަކައި، ސްޓޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް، ޑިލޭއަކާ އެކު ނޫނީ، ލައިވް އިވެންޓްތައް ދެން ނުފޮނުވުމަށް ވެސް ވަނީ އަންގާފަ އެވެ. އެގޮތަށް އެންގީ މިއީ ޗެނަލް13 އިން ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވި ފަސްވަނަ ފަހަރު ކަމަށްވާތީ އެވެ.