ލިވަޕޫލް

އޮފްސައިޑް ގޯލުން ލިވަޕޫލް އެއްވަރުވެ މާޔޫސްކޮށްލައިފި

ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ފަސް ޕޮއިންޓަށް ފެއަށް ޖެހިލުމުގެ ފުރުސަތު ލިބުނު ނަމަވެސް، ވެސްޓްހަމް ޔުނައިޓަޑާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލުން ކާމިޔާބު ކުރި އޮފްސައިޑް ގޯލާއެކު 1-1 ން މެޗު އެއްވަރުވެ، ލިވަޕޫލަށް މާޔޫސްކަން ކުރިމަތި ވެއްޖެ އެވެ.

އެ މެޗު އެއްވަރުވުމުން، ލީގް ހޯދުމުގެ ރޭސް އަނެއްކާވެސް ވަނީ ފޯރިގަދަ ވެފަ އެވެ. ލިވަޕޫލާ ހަމަހަމަ ކުރަން ނުވަތަ ލިވަޕޫލްގެ މައްޗަށް ގަދަވެގަންނަން ސިޓީއަށް ވަރަށް ތަނަވަސް ފުރުސަތެއް މިހާރު އެބައޮތެވެ. ސިޓީއާ ލިވަޕޫލްގެ ދެމެދުގައި މިހާރު އޮތީ ތިން ޕޮއިންޓް ފަރަގެކެވެ. ބުދަ ދުވަހުގެރޭ، އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުން، ސިޓީ މޮޅު ވެއްޖެނަމަ އެ ޓީމަށް ތާވަލުގެ އެއް ވަނަ މަގާމަށް އެރޭނެ އެވެ.

ވެސްޓްހަމްއިން ވަރަށް އޮގަނައިޒްކޮށް ޑިފެންސް ކުރަމުން ދިޔައިރު، ލިވަޕޫލުން މެޗުގެ 22 ވަނަ މިނެޓްގައި ލަނޑު ޖެހީ އޮފްސައިޑް ގޯލަކުންނެވެ. ލަނޑު ޖެހަން ސެޑިއޯ މާނޭއަށް ބޯޅަ ދިން އިރު، ޖޭމްސް މިލްނާ ހުރީ އޮފްސައިޑްގަ އެވެ. އޭނާ ހުރީ، ވެސްޓްހަމްގެ ޑިފެންސް ލައިނަށްވުރެ ތިން ފޫޓް ކުރީގަ އެވެ. އެހެންނަމަވެސް މެޗުގެ ރެފްރީ، ކެވިން ފްރެންޑް އާއި އޭނާއަށް އެހީވެދޭން ތިބި އެކުވެރިންނަށްވެސް އެކަން ފާހަގަ ނުކުރެވުނެވެ.

ސުވާލު އުފެދުނު ލަނޑާއެކު، ލިޑްގައި ލިވަޕޫލަށް ހިފަހައްޓާ ލެވުނީ އެންމެ ހަ މިނެޓް އެވެ. މެޗުގެ 28 ވަނަ މިނެޓްގައި، ވެސްޓްހަމްގެ މިކޭލް އެންޓޯނިއޯ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ، ތާވަލުގެ ކުރީގައި އޮންނަން ބޭނުންނަމަ އުނދަގޫ ހާލަތްތަކުގައި ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ލީގްގައި ކުރިއަށް ހުރި މެޗުތަކުގައި އިިތުރަށް އުނދަގޫވެގެންދާނެ ކަމަށާއި އެކަމަށް ލިވަޕޫލުން ތައްޔާރަށް ތިބެންޖެހޭނެ ކަމަށެވެ.