ކުރިއަށް އޮތް ތަނުގައި ވެސް އަވަށްޓެރި ސްރީލަންކާގެ ފަރާތުން ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ރައީސް މައިތުރިޕާލަ ސިރިސޭނަ ދެއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ޔަގީންކަން ލަންކާގެ ރައީސް ދެއްވީ ދެ ގައުމުގެ އިސް ބޭފުޅުން މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކުގައި ވާހަކަދައްކަވަމުން ކަމަށެވެ. އެގޮތުން ރާއްޖެއަކީ ވަރަށް ގާތް ރަހުމަތްތެރިއެއް ކަން ފާހަގަ ކުރައްވާ ލަންކާ ސަރުކާރުން ކުރިމަގުގައި ވެސް ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ސިރިސެނާ ވިދާޅުވި އެވެ. އަދި ސަރަހައްދީ ގުޅުންތައް ވަރުގަދަކުރުމަކީ އެ ގައުމުން އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަ ކުރައްވައި ދެކުނު އޭޝިއާ ބައްރުގެ ގައުމުތަކުގެ ސަލާމަތާއިރައްކާތެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރެއްވުމުގެ މުހިންމުކަން ސިރިސޭނަ ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެމަނިކުފާނާ ދެމެދު ދެކެވުނު ވާހަކަފުޅުގައި ކުރިމަގުގައި ދެ ގައުމަށް ފައިދާ ހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެން ދިއުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގައި ވިޔަފާރި އާއި މަސްވެރިކަމާއި ސިއްހީ ދާއިރާ އާއި ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ. އެގޮތުން ރާއްޖެ އާއި ލަންކާއަކީ ވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގެއްލުން ލިބޭ ގައުމަކަށް ވާތީ އެ ގެއްލުންތައް ކުޑަ ކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް ވެސް މަޝްވަރާ ކުރި އެވެ.
އޭގެ އިތުރުން އިޖުތިމާއީ ގޮތުން ދެ ގައުމުން ތަޖުރިބާކުރަން ޖެހިފައިވާ ކަންތައްތައް ފާހަގަކޮށްފައިވާ ކަމަށާއި އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ދެ ގައުމު ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް އެއްބަސްވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.