އަންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަން ކޮމިޝަން، އީސީއަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ކެނޑިޑޭޓުންގެ ފޯމް އީސީއަށް ހުށަހަޅަން ވަޑައިގެންނެވީ ހުރިހާ ކެނޑިޑޭޓުން ވެސް ހިންގަވާފަ އެވެ. އެމްޑީޕީ އޮފީހުން ފެށިގެން ހިންގަވާފައި ވަޑައިގެންނެވީ އިލެކްޝަން ސެންޓަރު (ބާޖަމަލުއްދީން) އަށެވެ. އެންމެ ފުރަތަމަ ކެނޑިޑޭޓުންގެ ފޯމް ހުށަހެޅި ޕާޓީއަކީވެސް އެމްޑީޕީ އެވެ.
އެމްޑީޕީއިން 86 ދާއިރާއަށް ވާދަ ކުރައްވާ ފޯމްތައް އީސީއަށް ހުށަހަޅާފައިވަނީ ވަކި ވަކިންނެވެ. ފޯމްތަކާއި ހަވާލުވެފައިވަނީ އީސީގެ ނައިބް ރައީސް އަމްޖަދު މުސްތަފާ އެވެ. އެންމެ ފުރަތަމަ ފޯމް ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވާދަ ކުރައްވަން ނިންމާފައިވަނީ މައްޗަންގޮޅި މެދު ދާއިރާ އަށެވެ.
ގާނޫނުގައިވާ ގޮތުން މަޖިލީހުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ފޯމް އީސީއަށް ހުށަހަޅާތާ 48 ގަޑިއިރު ތެރޭގައި އެ ފޯމްގެ ސައްހަކަން ބަލައި އެފަރާތަށް އަންގަންޖެހޭނެ ކަމަށެވެ.
އެމްޑީޕީއިން 86 ދާއިރާގެ ކެނޑިޑޭޓުންގެ ފޯމް އީސީއަށް ހުށަހަޅާފާއިރު، އިއްޔެ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުން ވަނީ ބައެއް ދާއިރާތައް އަދާލަތު ޕާޓީއަށް ދޫކޮށްލުމަށް ނިންމާފަ އެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން އެއްބަސް ނުވުމުން ދާއިރާތައް ދޫކޮށްލާފައެއް ނުވެ އެވެ. އެމްޑީޕީ އިން ހަމައެކަނި ވާދަ ނުކުރަން ނިންމާފައިވަނީ ނިލަންދޫ ދާއިރާއަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ އިން ފަހެއް ނުވަތަ ހަ ދާއިރާ އަދާލަތު ޕާޓީއަށް ދޫކޮށްލައްވާނެ ކަމަށެވެ.
އަންނަ ރައްޔިތުން މަޖިލިސް އިންތިހާބު އޮންނާނީ އޭޕްރިލް މަހުގެ ހަވަނަ ދުވަހު އެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންްގެ ފޯމްތައް މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުށަހެޅުމަށް އީސީން ވަނީ ހުޅުވާލާފަ އެވެ.