ހަބަރު

ގަވައިދާ ހިލާފަށް އުޅުނު 80 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 80 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ، އެ ހާއްސަ އޮޕަރޭޝަންގެ މަގުސަދަކީ، ގަވައިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވަކިވަކި ސަރަހައްދުތަކަކަށް ޖަމާވަމުން ދިއުމާއި ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ އާއްމު ރައްޔިތުންނާއި އަދި ހިނގާބިނގާ އުޅޭ ފަރާތްތަކަށް ދަތިވަމުގެ ސަބަބުން އިމިގްރޭޝަނަށް ޝަކުވާ ހުށަހަޅަމުން ދިއުމާއި ގުޅިގެން އެ ފަދަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުން ކަމަށެވެ.

އެ މައްސަލައަކީ، މާލޭ ސިޓީ ކައުންސިލުން ވެސް ފާހަގަ ކޮށްފައިވާ މައްސަލައެއް ކަމަށާއި، އެ ބާވަތުގެ މައްސަލަތައް ހައްލު ކުރުމުގައި ސިޓީ ކައުންސިލާއި، އިމިގްރޭޝަން ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއޮޕަރޭޝަނުގައި މަސްޖިދުލް ޒިކުރާއިން ފެށިގެން މާވެޔޮމަގާއި އެ މަގާގުޅިފައިވާ ސަރަހައްދުތަކުގައި ތިބި ބިދޭސީންނާއި މާފަންނު ގަޑިބުރު ސަރަހައްދުގައި ތިބި ބިދޭސީންގެ ތެރެއިން ސައްހަ ލިޔެކިއުމެއް ނެތް 80 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

މިއަދު ކުރިޔަށް ގެންދިޔަ ރެއިޑު ޕުރޮގުރާމުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން ސްކްރީން ކުރުމަށްފަހު، އެއިގެ ތެރެއިން ވަކިމުއްދަތަކަށް ރާއްޖެ ނާދެވޭ ގޮތަށް ފުރުވާލަންޖެހޭ ފަރާތްތައް ފުރުވާލުމުގެ އިތުރުން، އެ ފަރާތްތައް ރާއްޖެއަށް ގެނައުމުގައި މެދުވެރިވި ފަރާތްތަކުގެ އިހުމާލެއްވާނަމަ، އިމިގްރޭޝަން ގާނޫނު ތަންދޭ އެންމެ ފުޅާ މިނެއްގައި އެ ފަދަ ފަރާތްތަކާއި މެދުވެސް ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ބިދޭސީން ރާއްޖެގެނައުމުގައި ކަނޑައެޅިފައިވާ އުސޫލުން ބޭރުން ކަންކަން ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާނަމަ، އެކަމުގެ މައުލޫމާތު އިމިގްރޭޝަނާއި ހިއްސާ ކުރަމުން ގެންދިއުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.