ވިޔަފާރި

ބޭންކުތަކުން ވިޔަފާރިތަކާއެކު ރިސްކު ނަގަން ޖެހޭ

Feb 7, 2019
1

ރާއްޖޭން ބޭންތަކުން ލޯނު ދޫކުރުމަށްފަހު، ވިޔަފާރިތަކާއެކު ރިސްކު ނަގަންޖެހޭ ކަމަށް ދެކެވަޑައި ގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާއިލް ވިދާޅުވެއްޖެ އެވެ.

ހޮޓެލް ޖެންގައި ވާހަކަފުޅު ދައްވަމުން މިނިސްޓަރު ފައްޔާޒު އިއްޔެ ވިދާޅުވީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ގިނަ ގާނޫނު ތަކަކީ 10 ނުވަތަ 12 އަހަރުވެފައިވާ ގާނޫނު ތަކެއް ކަމަށެވެ. އެހެންވެ ބޭންކް ތަކުން "އަން ކޮންވެންޝަނަލް ނިޒާމަކަށް" ދާންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބޭންކުތަކަށް އަބަދު "ހުން އައިސްގެން ރަޖާލައިގެން" ތިބެވެން ނެތް ކަމަށެވެ.

މިނިސްޓަރުގެ އެ މިސާލު އަމާޒު ކުރައްވާފައި ވަނީ ބޭންކުތަކުން ލޯނު ދޫކުރުމުގައި ނަގާ އިކުއިޓީ އަށެވެ.

"ބޭންކްތަކުން ވެސް އެބަޖެހޭ ރިސްކު ކޮންމެވެސް ވަރަށް ނަންގަވައި އިތުރު ކުރަން. ވިޔަފާރިތަކާއެކު މިހާރަށްވުރެ ބޮޑަށް ރިސްކުގައި ބައިވެރިވާން ޖެހޭ. ހަމައެކަނި ފައިދާއަށް، ނޫނީ ގެއްލުން ކުޑަ ކުރަން ވިސްނުން ބަދަލު ކުރަން ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ގައުމީ ބޭންކުގެ ހިދުމަތަށް ގެންނަން ޖެހޭ ބަދަލެއް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބީއެމްއެލް އަށް އެކްސްޕޯޓް އިމްޕޯޓް ބޭންކެއްގެ ފަންކްޝަނަށް ގެންނަން ޖެހޭ ކަމަށާއި އެއީ ދިވެހި ކުންފުނިތަކުގެ ވިޔަފާރި ބޭރަށް ދާނެ ފައިސާ ހޯދަން ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފައިނޭންޝަލް ނިޒާމުގެ ގަވާއިދުތަކާއި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު ބޭންކްތަކާއި އެމްއެމްއޭގެ ވިސްނުމުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ތިބޭފުޅުން [ބޭންކްތައް] ތިބޭނީ ކޮންވެންޝަނަލް ވިސްނުމުގެ ތެރޭގައި. ނަމަވެސް ގައުމާއި ދުނިޔެއަށް އަންނަ ބަދަލުތަކުގެ ތެރެއިން މި އަނބުރާލަން އެބަޖެހޭ."