ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް މާޗު މަހު ހަދާ، "އެސްއެމްއީ ބޭންކް" ރާއްޖޭގެ އެހެން ބޭންކުތަކާ ވާދަ ނުކުރާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދެއްވައިފި އެވެ.
ހޮޓެލްޖެންގައި އެމްއެމްއޭއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެސްއެމްއީ ބޭންކްއަކީ އެއްވެސް ގޮތަކަށް އެހެން ބޭންކުތަކާ ވާދަ ކުރަން ހަދާ ތަނެއް ނޫން ކަމަށެވެ.
"އެސްއެމްއީ [ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސަސް] ބޭންކް އަކީ މިހާރު ފައިނޭންޝަލް ސެކްޓާގައި ހުރި ބޭންކްތަކަށް ވާދަ ކުރުމެއް ނޫން. މި ބޭންކް ވާނީ ކުދި ވިޔަފާރިތަކުގެ އަތުގައި ހިފައިގެން އެ ވިޔަފާރިތައް ކޮޅަށް ޖެހުން،" ފައްޔާޒު ވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެސްއެމްއީ ބޭންކުގެ މަސައްކަތް އަންނަ މަހު ފަށައި ގަތުމަށެވެ. ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް، އެސްއެމްއީ ބޭންކް އުފައްދާނީ ރާއްޖޭގެ ތިން ސިޓީ ކައުންސިލްގެ ހުއްދައާއެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެސްއެމްއީ ބޭންކްގައި ފަސް ޕަސެންޓް ހިއްސާ ވުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.
މިނިސްޓަރު ފައްޔާރު ވިދާޅުވީ އެސްއެމްއީ ބޭންކް އުފައްދާނީ އެހީތެރިވެގެން މި މަސައްކަތް ފެއިލް ނުވާނެ ގޮތްތަކެއް ބަލައިގެން ކަމަށެވެ.
"މި ކަމުގައި ގާނޫނާއި ގަވާއިދު ބަދަލު ކުރަން ޖެހިއްޖެނަމަ އެކަންވެސް އަޅުގަނޑުމެން ކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިގްތިސާދުގެ ލޭނާރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށާ، ލޭނާރުގައި ހިނގާ ލެއަކީ ފައިސާ ކަމަށާ، އެކަމަށް ހާއްސަ ޕޮލިސީއެއް ގާއިމްކޮށް، ސަރުކާރުގެ ހިދުމަތްތަކުގައި ހާއްސަކަން ދޭން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ފަސޭހައިން މި ވިޔަފާރިތަކަށް ފައިސާ ލިބޭނެ ގޮތެއް ހެދުމަކީ މުހިންމު ކަމެއް، އަޅުގަނޑުމެން ދިވެހިރާއްޖޭގެ ވިޔަފާރިއާ ހަވާލުމިވީ މަގުމަތިން އައިބައެއް. އަޅުގަނޑުމެންނަކީ މޭޒު ދޮށުގައި ތިބެގެން އައިބައެއް ނޫން. އެހެންވެ، އަޅުގަނޑުމެންނަށް ރައްޔިތުންނާއި ވިޔަފާރިވެރިންގެ ހިޔާލުވެސް އެނގޭ،" ފައްޔާޒު ވިދާޅުވި އެވެ.
ބޮޑެތި ކުންފުނިތައް ވިޔަފާރި ކުރަންވީ ބޭރުގައި
މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދެކެން ބޭނުން ވަނީ ބޮޑެތި ކުންފުނިތައް ރާއްޖޭން ބޭރުގައި ވިޔަފާރި ކުރާ ތަން ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުގެ ބޮޑެތި ކުންފުނިތައް ބޭރުގެ ބޮޑެތި ޕްރޮޖެކްޓްތަކުގައި ބައިވެރިވެ އޭގެ މަންފާ ދިވެހިރާއްޖެއަށް ހޯދުން، މިކަމަށްވެސް އޮތް ދަތިކަމަކީ ފައިސާ، އަޅުގަނޑުމެންގެ އަތުގައި ފައިސާ އެބަހުރި، އަޅުގަނޑުމެންގެ ޓެލެންޓު އެބަހުރި، ނަމަވެސް މިކަމުގައި ބޭންކްތަކުގެ އެހީތެރިކަން ބޭނުންވޭ،" ފައްޔާޒު ވިދާޅުވި އެވެ.