ޖަލުތަކުގެ ހާލަތު ދެނެގަތުމަށް ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ ޕްރިޒަންސް އޮޑިޓް ކޮމިޝަންގެ މެންބަރުންނާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ބައްދަލުކުރައްވައިފި އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ، ޖަލު ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައި ވަރަށް ރަނގަޅު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެމަނިކުފާނު ގާނޫނާ ހިލާފަށް ޖަލުގައި ހުންނެވި 237 ދުވަހުގެ ތެރޭގައި ދިމާވި ސިއްހީ މައްސަލަތަކާއި ކުރިމަތިވި އެހެން ކަންކަން ހިއްސާ ކުރައްވާފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"... އެކަމަކު އަޅުގަނޑަށްވުރެ އެހެން ގައިދީން ޖަލުގައި އަނިޔާ ތަހަންމަލު ކުރެއްވި،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ، ދޫނިދޫ ޖަލާއި މާފުށި ޖަލުގެ ޖޫނިއާ ސްޓާފުން އެމަނިކުފާނާމެދު އަމަލު ކުރެއްވީ ރަނގަޅަށް ކަމަށެވެ. އެމަނިކުފާނާމެދު ބޭއިންސާފުން އަމަލުކޮށްފައިވަނީ އެތަންތަނުގެ ބޮޑުން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޓެރަރިޒަމްގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސް މައުމޫން ހައްޔަރުކުރި އެވެ. އަދި ބަންދު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމެއް ނެތި ބަންދުގައި އެތައް ދުވަހަކު ބެހެއްޓި އެވެ.
އޭގެފަހުން ފޯނު ނުދެއްވި ކަމަށް ބުނެ ދައުވާ އުފުލައި، މައްސަލަ ކޯޓަށް ހުށަހެޅި އެވެ. އަދި އެކެއް ފެބުރުއަރީ އަމުރު ނެރެ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލާގައި އިއްވި ޖަލު ހުކުމުން ހައިކޯޓުން މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އަދި ބޮޑެތި އިލްޒާމްތަކެއް އަޅުވައި ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނަށްކޮށް، އެ މައްސަލާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ކުރިއަށް ދަނިކޮށް ޕްރޮސިކިއުޓާ ޖެނަރަލް މިދިޔަ ހަފުތާ ތެރޭގައި ވަނީ އެ މައްސަލަ އަނބުރާ ނަގައި ފުލުހަށް ފޮނުވާލާފަ އެވެ.
އެމަނިކުފާނު ޖަލުގައި ހުންނެވި ދުވަސްވަރު ވަނީ ބޭސްފަރުވާއަށް އެތައް ފަހަރަކު މާލެ ގެނެސް ފަރުވާ ދެއްވާފަ އެވެ. އަދި އެމަނިކުފާނުގެ ބަލި ހާލަތު ހުރި ގޮތުން ބައެއް ޝަރީއަތްތައްވެސް ކެންސަލް ކުރި އެވެ.
ޖަލުން މިނިވަން ވުމަށްފަހު އެމަނިކުފާނު ވަނީ ބޭސްފަރުވާއަށް މެލޭޝިއާއަށްވެސް ވަޑައިގެންފަ އެވެ. އެމަނިކުފާނު ވަނީ ދާދި ފަހުން އިންޑިއާއަށްވެސް ވަޑައިގެން ފަރުވާ ހޯއްދަވާފަ އެވެ.
ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނަށް އިހުމާލުވި ފަރާތްތައް ޖަވާބުދާރީކުރުވަން މަސައްކަތް ކުރަންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.