ހަބަރު

ފަނޑިޔާރުން ބަދަލު ކުރުމަކީ ޣައިރު ދުސްތޫރީ އަމަލެއް: ސުއޫދު

ފަނޑިޔާރުންގެ ރުހުންނެތި އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަކީ ޣައިރު ދުސްތޫރީ އަމަލެއް ކަމަށް މަރުތަކާބެހޭ ކޮމިޝަންގެ ރައީސް އަދި ކުރިން ފަނޑިޔާރުކަން ކުރެއްވެވި ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިގޮތަށް ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ތިން ކޯޓެއްގެ ގާޒީން އެހެން ކޯޓުތަކަށް ބަދަލު ކުރުމާއި ގުޅިގެނެވެ.

ސުއޫދު ވިދާޅުވީ ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ނޫން ގޮތަކަށް ރުހުންނެތި، ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަމާ ހިލާފު ޣައިރު ދުސްތޫރީ އަމަލެއް ކަމަށެވެ.

ޖޭއެސްސީ އިން ރޭ ވަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމުގެ އުސޫލުގެ ދަށުން ތިން ގާޒީއަކު ބަދަލު ކުރަން ނިންމާފަ އެވެ.

އެގޮތުން ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝީދު ކުރިމިނަލް ކޯޓަށް ޑްރަގް ކޯޓުގެ ގާޒީ އަލީ ރަޝީދު ކުރިމިނަލް ކޯޓަށް އަދި އަދާމް އާރިފް ޑްރަގް ކޯޓަށް ވަނީ ބަދަލުކޮށްފައެވެ.

އާދަމް އާރިފަކީ ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް އެހެން ކޯޓަކަށް ބަދަލު ކުރުމުން ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އެވެ.