ރިޕޯޓް

މޫދަށް ހޭލުންތެރިކޮށްލި ތިމާވެށީގެ ބޮޑުފެތުން!

މި ހަފްތާއަކީ ރާއްޖޭގެ މޫދު ކުޅިވަރުގައި އާ ސޮފްހާތަކެއް ލިޔެވިގެންދިޔަ ހަފްތާއެކެވެ. ފުރިހަމައަށް އިންތިޒާމް ކޮށްގެން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ފެތުމުގެ ހަރަކާތެވެ. 43 ކިލޯމީޓަރުގެ ބޮޑު ފެތުމެކެވެ. އޭދަފުށިން ފެށިގެން ކެންދޫއާ ހަމައަށް ޖުމްލަ 22 ރަށަކަށް ފަތާފައި ފެތުން ތެރިން ދާނެ އެވެ. މިމަހުގެ ދެވަނަ ދުވަހު ފެށި ހަރަކާތް މިހާރު ނިމެން ކައިރިވެފައިވާއިރު، މި ހަރަކާތް ވެގެން ގޮސްފައިވަނީ ވަރަށްވެސް ފުރިހަމަ ހަރަކާތަކަށެވެ.

މި ފެތުމަކީ ސުވިމް މޯލްޑިވްސް އިން އިންނަގައިގެން، ޓޫރިޒަމް މިނިސްޓްރީއާ ޔޫތް މިނިސްޓްރީ އަދި އެންވަޔަރުމަންޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ފެތުމުގެ "އައިޑިއާ" ސަރުކާރަށް ހުށަހަޅާފައިވަނީ މަޝްހޫރު ގާނޫނީ ވަކީލް އަދި ސްވިމް މޯލްޑިވްސްގެ ރައީސް ހުސެއިން ޝަމީމެވެ. ޝަމީމް މި ބޮޑު ފެތުމުގެ އައިޑިއާ އައި ގޮތް ހިއްސާކޮށްލި އެވެ.

"ލަންކާގައި މިދޭތެރެއިން ހުރި ހުރުމުގައި ލަންކާގެ ބައިސްކަލް ދުއްވާ ގުރޫޕަކާ އެއްކޮން އުޅުނީ ގިނައިން، އެމީހުން ޖަހާނެ ލަންކާ ވަށާ ބައިސްކަލުގައި ދާ ދަތުރެއް، ދުވާލަކު އަށް ގަޑިއިރު ވަންދެން ބައިސްކަލު ދުއްވާނެ، 10 ދުވަސް ވަންދެން، އެމީހުން ބައިސްކަލު ދުއްވަނީ ތިން ކަމަކަށް، އޭގެން އެއް ކަމަކީ އެމީހުންގެ އެޑްވެންޗާއަށް، ދެވަނަ ކަމަކަށް ސިލޯން އެކްސްޕްލޯ ކުރަން، ތިން ވަނަކަމަށް ސެރެބްރަލް ޕަލްސީ ހުންނަ ކުޑަކުދިންނަށް ވީލް ޗެއާ ހޯދަ ދިނުން، އެއީ އެމީހުންގެ މައިގަނޑު މަގުސަދަކީ، އޭގައި އަޅުގަނޑުވެސް ބައިވެރިވިން، އޭގެން އަނެއްހެން އައިޑިއާ ލިބުނީ،" ޝަމީމް ވިދާޅުވި އެވެ.

ރާއްޖޭގައި ބޮޑު މޫދެއްއޮވެ، ފެތުންފަދަ ހަރަކާތައް ކުރިއަރުވަން މަސައްކަތް ކުރެވިގެންނުދާ ކަމީ ވަރަށްވެސް ބޮޑު ބޭއިންސާފެކެވެ. ޝަމީމްގެ ވިސްނުން ހުރީ އެކަން ބަދަލު ކުރުމަށެވެ. އޭނާގެ ވިސްނުމުގައި މިފަދަ ބޮޑު ފެތުމެއް އިންތިޒާމް ކުރީ ތިމާވެށި ހިމާޔަތް ކުރުމަށެވެ. ފެތުން ޕްރޮމޯޓް ކުރުމާއި ރާއްޖޭގައި ފެތުމަކީ ލައިފް ސްޓައިލް ކަމަކަށް ހެދުމެވެ، އަދި ރާއްޖެއަކީ ފެތުމުގެ ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަކީވެސް ޝަމީމްގެ މި އައިޑިއާގައި ހިމެނޭ ކަމެކެވެ.

"ކުރަން މިއުޅޭ ކަމަކީ ހެލްތ ލައިފް ސްޓައިލެއް ޕްރޮމޯޓް ކުރުމާއި، ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކުރުން، ރަށްރަށުގައި އަސްލު ނެތް އެވަރުގެ އެވަޔާނެސްއެއް، ލޯންޗްތަކުގައި އުޅޭ ކުދިން މޫދަށް ކުނިވެސް އުކާލަނީ، އެވެއާނެސް އެބަ ޖެހޭ ކުރަން، ހަމައެކަނި ޓްވިޓާގައި މިހެން ވާހަކަ ދައްކާ ހައެއްކަ މީހުން އެކަން ކުރުމަކުން ނުނިމޭނެ، އެކަމަށް އަމަލީ މަސައްކަތް ކުރަން ޖެހޭ، އެކަމަށް އަސްލު މި މަސައްކަތް ފެށުމުގެ ވިސްނުން އައީ،" ޝަމީމް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ދިގު ފެތުމުގައި އަށް ބައިވެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ޝަމީމްވެސް ހިމެނެ އެވެ. އަދި ގައުމީ ފެންވަރު ފެތުން ތެރިއެއްވެސް ހިމެނެ އެވެ. މީގެ އިތުރުން ޒުވާން އަންހެން ފެތުން ތެރިއެއްވެސް ބައިވެރިވެ އެވެ. މި ފެތުމުގައި އެންމެ ހާއްސަ ފަރާތަކީ ސްވިޑެންގެ އޯޕެން ވޯޓާ ނެޝަނަލް ޓީމްގެ ކޯޗް މައިކަލް ރޮޒެން އެވެ. އޭނާއަކީ ދައުވަތުދީގެން ހާއްސަކޮށް ފެތުމަށް ގެނައި ފަރާތެކެވެ.

"ޖުމްލަ އަށް މީހުން، އޭގެ ތެރޭގައި ބޭރު މީހެއް ހިމެނޭނެ، ސްވިޑެންގެ އޯޕެން ވޯޓާ ނެޝަނަލް ޓީމްގެ ކޯޗް މައިކަލް ރޮޒެން، އޭނައަށް އިންވައިޓް ކޮށްގެން ޓިކެޓް ދީގެން ގެނައީ، އޭނާ ގެނައި ބޭނުމަކީ އޭނަގެ އެޕްސް ޕީރިއަންސް، އޭނައާ އެއްކޮށް ފަތަން ހެދީމަ އަސްލު އިނގެނީ ފަތަންޖެހޭ ގޮތް، ފުރަތަމަ ދުވަހު ހާވިއާކޮށް ދިޔައީ، މިހާރު އެންމެން އެއްކޮށް ދަނީ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމަށް މި ފެތުމުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ރަށްރަށުން ލިބެމުންދިހަ ތަރުހީބެވެ. އެގޮތުން އުރީދޫއިން ހިންގާ ފެތުމުގެ ސޭފްޓީ ދަސްކޮށްދޭ ޕްރޮގްރާމްގައި 500 އަށްވުރެ ގިނަ މީހުން މި ހަރަކާތް ނިމޭއިރު ބައިވެރިވާނެ ކަމަށް ޝަމީމް ލަފާކުރެ އެވެ. އަނެއް ކަމަކީ ފެތުމުގެ ހަރަކާތްތަކުގައި އެއްރަށުން އަނެއް ރަށަށް ބައެއް ރަށްރަށުގެ މީހުންވެސް ފަތާފައި ދިއުމެވެ. ޝަމީމް ނަޒަރުގައި އެންމެ "ގަދަ" ރަށަކީ އޭދަފުއްޓެވެ. އެރަށުން ހަތް އަންހެނުން ފެތުމުގައި ބައިވެރިވި އެވެ.

މި ފެތުމުގެ އިތުރުން އިތުރު ހަރަކާތްތައްވެސް ރޭވިފައި ވެއެވެ. އެގޮތުން ސޮނެވާއާ ފޯސީޒަނާއި ގުޅިގެން ކޮންމެ ރަށެއްގައިވެސް ކޮންމެވެސް ހަރަކާތެއް ހިންގަ އެވެ. އެގޮތުން ސޮނެވާއިން ކިހާދޫއާ ދަރަވަންދޫއާ މާޅޮހުގައި މޫދުސާފު ކުރުމާއި ބީޗް ސާފު ކުރުމުގެ ހަރަކާތެއް ހިންގި އެވެ. އަދި ކަމަދޫއާ ކުޑަރިކިލުގައި މަންތާ ޕްރޮޖެކްޓާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ހަރަކާތެއް ހިންގާނެ އެވެ.

"މީގެ ތެރޭގައި އެބަހިމެނޭ ފެތުމުގެ ސޭފްޓީ ދަސްކޮށްދޭ ޕްރޮގްރާމެއް. މިސާލަކަށް މި ރަށްރަށުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ، ގިނަ މީހުންނަށް ފަތަން އިނގޭ، އެކަމަކު ކަމެއް ދިމާވެއްޖެ ހާލަތެއްގައި ހަދާނެ ގޮތެއް ނޭންގެ، އުރީދޫއިން މި ހިންގަނީ ޕްރޮގްރާމެއް އަންހެނުންނަށާއި ކުޑަކުދިންނަށް އޭގައި މި ދަސްކޮށްދެނީ ކިހިނެއްތޯ ހަދާނީ އެކަހަލަ ސިޗުއޭޝަނަކަށް ދިމާޔަ، މި ޕްރޮގްރާމް ވަރަށްވެސް ސަކްސެސްފުލް، ގާތްގަނޑަކަށް 500 އެއްހާ މީހުންނަށް މި ޕްރޮގްރާމުން ތަމްރީނުދެވޭނެ ނިމޭއިރު،"

"ސޮނެވާއިން އައި ހަތަރު ފަސް މީހުުން، އޭދަފުށިން ފެތި ހަތް އަންހެނުން، ދެމީހުން އެއްކޮށް ނިންމި، ދެން ހުރި ރަށްތަކުންވެސް އެބަ ބުނޭ، ރަށްރަށުން ތަރުހީބު ލިބުނު ވަރަށް ބައިވަރު ކަންތައްތަކަށް، ކޮމިއުނިޓީ އެންގޭޖްމެންޓް ވަރަށް ބޮޑު،"

މިހާތަނަށް 11 ރަށަކަށް ފަތާފައި މި ޓީމުން އަރާފައި ވެއެވެ. އެއީ 23 ކިލޯ މީޓަރެވެ. ބާކީ އޮތީ ތިން ދުވަހެކެ، މިއަދު އަމިއްލަ ފުށިން ފަށާނެ އެވެ. އަމިއްލަ ފުށިން ކަމަދޫއާ ހަމައަށެވެ. އެއީ ހަތް ކިލޯމީޓަރެވެ. މާދަމަ ކަމަދޫ އިން ކުޑަރިކިލަށެވެ. އެންމެ ފަހު ދުވަހު އޮންނާނީ ކެންދޫއަށެވެ. އެދުވަހުގެ ފެތުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ހަރަކާތަކީ ވަރަށްވެސް ބޮޑު ހަރަކާތެކެވެ. އެހެން ކަމުން ވަރަށް ގިނަ ޗެލެންޖެސްތައް ހުންނާނެ އެވެ. އެގޮތުން އެންމެ ބޮޑު ޗެލެންޖަކީ މުޅިން އަލަށް ކުރާ ކަމަކަށްވުން ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭގެ އިތުރުން މޫސުމަކީވެސް ވަރަށް ބޮޑު ޗެލެންޖެކެވެ.

މިއީ މުޅިން އަލަށް ކުރާ ކަމެއްވީމަ، މިހާރު އެބަދަސްވޭ މިކަން ކުރާނެ ގޮތް، ފުރަތަމަ ދުވަހު އޮޔާ އެއްކޮޅަށް ފަތަން ޖެހުނީ، ކުރިއަކަށް ނުދިޔަ، އޭގެ ފަހުން މިހާރު އިނގިއްޖެ އޮޔާ އެއްކޮޅަށް ގޮސް ކުޑަ ތަންކޮޅެއް ޖެހޭނެ އޮޔާ ދެކޮޅަށް ހިފާލަން، އެންމެ ބޮޑު ޗެލެންޖަކީ ވަރަށް ބައިވަރު ރަށްރަށުން ވަރަށް ބައިވަރު މީހުންނާއި ގުޅިގެން ވަރަށް ބައިވަރު ކަންކަން މިކުރަނީ، އެއީ ވަރަށް ބޮޑު ޗެލެންޖެއް، ވަރަށް ސަޕޯޓިވް ހުރިހާ ރަށަކުންވެސް،" ޝަމީމް ވިދާޅުވި އެވެ.

މިކަމަކީ ހަމަގައިމުވެސް ޓޫރިޒަމަށް ވަރަށް ބޮޑު އަސަރެއް ކުރުވާނެ އިވެންޓެކެވެ. މި އިވެންޓްގެ އެންމެ ބޮޑު އެއް މަގުސަދަކީވެސް ރާއްޖެ ސްވިމިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށެވެ. އެކަން ވަރަށް ފުރިހަމައަށް ކުރެވިގެންދާ ކަމަށް ޝަމީމްގެ ވާހަކަތަކުން ސާފުވެގެންދިޔަ އެވެ.

"އެވިސްނުމުގައި މައިކް އެހުރީ ގެނެސް، މައިކްގެ އިންސްޓަގްރާމްގައި ރާއްޖެ ޕްރޮމޯޓް ކުރުން، އެކަން އޭނަ އެބަ ކުރޭ ވަރަށް ގަދަޔަށް، އޭނާ އަކީ ސްވިޑެންގެ އެއްވަނަ، އަދި ވޯލްޑްކަޕްގައި ދެވަނަ ހޯދާފަ ހުރި މީހެއް، އޭނާއަކީ އޯޕަން ވޯޓާ ސްވިމިން ތެރޭގައި ވަރަށް މަޝްހޫރު މީހެއް، އޭނަގެ ފޮލޮވާސް އުޅޭނެ ވަރަށް ގިނައިން، މިހާރު އެބަ އޮތް އަޅުގަނޑުމެންނަށް މެސެޖް ކޮށްފަ ޔޫރަޕިއަން ޗެމްޕިއަން ރާއްޖެ އަންނަ ބޭނުމޭ ފަތަން، ދުވަސްވެސް ދީފަ، އޭނަގެ އެއް މިިލިއަން ފޮލޮވާސް، މިކަމުގެ ސަބަބުން އޯޕެންވޭ ވަރަށް ބޮޑަށް ޓޫރިޒަމް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމްގެ ވިސްނުން މިހާ ހިސާބުން ނިމުނީ އެއް ނޫނެވެ. އޭނާގެ އަމާޒު ހުރީ މުޅި ރާއްޖޭގައި މިކަހަލަ ޕްރޮގްރާމްތައް ރޭވައި ހިންގުމެވެ. މި ޕްރޮގްރާމްގެ ދަށުން ލިބުނު ތަޖްރިބާއާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިކަހަލަ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ޝަމީމް ހުރީ އަމާޒު ހިފާފަ އެވެ. ޝަމީމްގެ ވިސްނުން ހުރީ ފެތުމަކީ ދިވެހީންގެ ލައިފް ސްޓައިލް އަކަށް ހެދުމެވެ،