ހަބަރު

ޕްލޭނިން މިނިސްޓްރީގެ އިމާރާތް ހުޅުމާލޭގައި ހަދަނީ

މި ސަރުކާރުގައި އަލަށް އުފެއްދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާއަށް އާ އޮފީސް އިމާރާތެއް އެޅުމަށް އެ މިނިސްޓްރީ އިން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އާއި ހައުސިން މިނިސްޓްރީގެ އިދާރީ މަސައްކަތްތައް މިހާރު ހިންގަމުން އަންނަނީ ކުރީގެ ހައުސިން މިނިސްޓްރީ އިމާރާތުގަ އެވެ.

ޕްލޭނިން މިނިސްޓްރީ ވަކިކޮށް ހުޅުމާލޭގައި އޮފީސް އިމާރާތެއް އެޅުމަށް އިއުލާން ކޮށްފައިވަނީ އިއްޔެ އެވެ. ޕެލޭނިން މިނިސްޓްރީއިން ކުރި އިއުލާނުގައި ބުނެފައިވަނީ ހުޅުމާލޭގައި 24000 - 25000 އަކަަފޫޓުގެ އޮފީސް އިމާރާތް ޑިޒައިންކޮށް އާކިޓެކްޗަރަލް ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް ހުށެހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މާލޭގެ ތޮއްޖެހުން ކުޑަ ކުރުމުގެ ގޮތުން، މާލޭގައި އެއްވެސް އޮފީސް އިމާރާތެއް ނާޅާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި އެމަނިކުފާނު މިއަދު އިއުލާން ކުރެއްވި އެވެ.