ވިޔަފާރި

މާލެ ވިޔަފާރި ބަނދަރު މިއަހަރު ތިލަފުއްޓަށް ބަދަލު ކުރަން ފަށަނީ

މާލެ ވިޔަފާރި ބަނދަރު މި އަހަރުތޭގައި ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގައި ގައުމާ މުހާތަބު ކުރައްވައި، ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރު ކެޕޭސިޓީ އިތުރުކޮށް ހިދުމަތް ރަނގަޅު ކުރަން ޖެހިފައިވާ ކަމަށެވެ.

"ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ކަމެއްހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު މާލެ ކޮމާޝަލް ހާބަރަށް ދިމާވެފައިވާ، ތޮއްޖެހުންތަކުގެ ސަބަބުން ވިޔަފާރި ތަނަށް ވަނީ ނުހަދު ދަތިތަކާ ކުރިމަތިވެފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިކަން ހައްލު ކުރަން ގުދަން ކުރުމާއި ލޮޖިސްޓިކް ހިމެނޭ ގޮތަށް، ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އިރާދުކުރެއްވިއްޔާ މި އަހަރު ފެށޭނެ ކަމަށެވެ.

"މި ބަނދަރު އައުމުން މާލޭގައި ހުރި ސިނާއީ މަސައްކަތްކުރާ ގިނަ ތަންތަން މާލެއިން ބޭރުގެ، މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ބޮޑު ބަނދަރެއް ހެދުމުގެ ޕްލޭނެއް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ގެންގުޅުނެވެ. އެގޮތުން ބަނދަރެއް ހެދުމުގެ ގޮތުން ދުބާއީގެ ޑީޕީ ވޯލްޑަށް ހަވާލު ކުރަން 300 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން އުޅުނެވެ. ނަމަވެސް ފަހުން އެ ކުންފުނިން ވަނީ މި މަސައްކަތް ހުއްޓާލާފަ އެވެ. އަދި އޭގެ ފަހުން ފިލިޕީންސް ކުންފުންޏަކުން ވެސް ބަނދަރެއް ހެދުމުގެ ޕްރޮޕޯސަލެއް ސަރުކާރަށް ހުށަހެޅި ކަމަށް ރައީސް ޔާމީންގެ، އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އޭރު ވިދާޅުވެފައިވެ އެވެ.