ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ދަތުރު ކުރުމަށް ނަގަން ޖެހޭ ވިސާ، ޝެންގެން ވިސާ ހޯދުމަށް ދިވެހިންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް އީޔޫއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ އެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފި އެވެ.
ޝެންގެން ވިސާ ނަގަން ދިވެހިން މިހާރު ދަތުރު ކުރަން ޖެހެނީ އަވަށްޓެރި ސްރީލަންކާއަށެވެ.
އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މރ. ޓުންގް ލައި މާގް އާއި ފޮރިން މިނިސްޓަރު ޝާހިދުގެ ބައްދަލު ކުރެއް ވުން އޮތީ މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގަ އެވެ. އީޔޫ ސަފީރުގެ އެ ޒިޔާރަތުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވި މުހިންމު ކަންތައްތަކުގެ ގޮތުގައި ފޮރިން މިނިސްޓްރީ އިން ބުނީ، ޝެންގެން ވިސާ ނެގުމުގައި ދިވެހިންނަށް ދިމާވަމުން އަންނަ ދަތިތައް މިނިސްޓަރު ސަފީރާ ހިއްސާކުރެއްވި ކަމަށެވެ. އަދި އެ ދަތިތައް ހައްލު ކުރުމަށް އެހީތެރިވުމަށް މިނިސްޓަރު ސަފީރުގެ އަރިހުގައި އެދިވަޑައިގަތް ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
ޔޫރަޕްގެ އިއްތިހާދާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، އެއިއްތިހާދާއިއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.
އެ ބައްދަލުވުމުގައި އީޔޫގެ ސަފީރު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނީ، ރާއްޖޭގެ އިދާރާތައް ހަރުދަނާކުރުމަށާއި، ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުން އަދި ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އީޔޫގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި "މޯލްޑިވްސް – އީޔޫ ޕޮލިސީ ޑައިލޮގް" އަށް ވަމުންދާ ތައްޔާރީތަކާއި ބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އެ ޕޮލިސީ ޑައިލޮގްގެ ސަބަބުން ރާއްޖެއާއި ޔޫރަޕްގެ އިއްތިހާދާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.