އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން 2-1 އިން މޮޅުވެ، ފާއިތުވި ތިން އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ލީގު ތާވަލްގެ އެއްވަަނަ އަށް ޖެހިލައިފި އެވެ.
ސްލޮވާކިއާގެ މިޑްފީލްޑަރު ވިލިއަމް މަކޯ އާއި ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ)ގެ ލަނޑުތަކާއެކު މަހިބަދޫ އަތުން މޮޅުވެ، ނިއު އެއްވަނަ އަށް ޖެހިލީ ދިހަ ޕޮއިންޓާއެކު އެވެ. ނިއު ވަނީ ދެވަނައިގައި އޮތް އީގަލްސް އާއި ތިން ވަނައިގައި އޮތް މާޒިޔާގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. މާޒިޔާ އާއި އީގަލްސް އޮތީ އަށް ޕޮއިންޓާއެކު އެވެ. ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ، މަހިބަދޫ އޮތީ ތާވަލްގެ ފުލުގަ އެވެ.
މަހިބަދޫ އިން މެޗުގެ 20 ވަނަ މިނިޓުގައ ލީޑު ނެގީ އާދަމް ޝާހިރު ޖެހި ލަނޑުންނެވެ. ނިއުގެ ކުރީގެ ފޯވަޑް އިއްޒަތު އަބްދުލް ބާރީ ދިން ބޯޅައަކަށް އަރައި، ޝާހިރު ޕެނަލްޓީ އޭރިޔާ ތެރެއިން ފުރަަތަމަ ފޮނުވާލި ބޯޅަ ނިއުގެ ގޯލްކީޕަރު މުހައްމަދު ޔަމާން ދިފާއުކުރި ނަމަވެސް، ޔަމާންގެ އަތުގައި ޖެހިފައި ދިޔަ ބޯޅަ ޝާހިރު ވަނީ ހުސް ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
ސަސްޕެންޝަންގެ ސަބަބުން މުހިންމު ކުޅުންތެރިންތަކެއް ނުލައި ކުޅެމުންދިޔަ ނިއު އަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 26 ވަނަ މިނިޓުގައި ނަތީޖާ އެއްވަރުކޮށްދިނީ ވިލިއަމް އެވެ. ނިއު އަށް ޕެނަލްޓީއެއް ލިބުނީ އެ ޓީމުގެ އަލީ ފާސިރު (ސެންޓޭ) އަށް މަހިބަދޫގެ ޑިފެންޑަރު އަހުމަދު ނުހާދު ކުރި ފައުލަކާ ގުޅިގެންނެވެ.
މެޗުގެ 59 ވަނަ މިނިޓުގައި ނިއު އަށް ލީޑު ހޯދައިދިނީ ކުޑައްޓޭ އެވެ. ކޯނަރަކުން ވިލިއަމް ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ކުޑައްޓޭ ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.
މެޗަށް ފަހު ނިއުގެ އެސިސްޓަންޓް ކޯޗު ހަސަން ހަމީދު (ޑަކޭ) ބުނީ މެޗުން މޮޅުވިޔަސް، ނިއު އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމަށެވެ.
"ނިކުތީ ތިން ޕޮއިންޓް ހޯދަން. އެކަން ހާސިލްވުމުން ހިތްހަަމަޖެހިއްޖެ. އެކަމަކު ޕާފޯމަންސް ތަންކޮޅެއް ދަށްކޮށް މި މެޗުގައި ވެސް މި ފެނުނީ. އެކަމަކު ކުރިއަށް އޮތް މެޗުތަކުގައި ރަނގަޅުވާނެ،" ޑަކޭ ބުންޏެވެ.
މަހިބަދޫ ކޯޗު ޔޯރްދަން އިވަނޯފް ސްޓޮއިކޯފް ބުނީ މަހިބަދޫގެ ކުޅުން މެޗަކަށް ފަހު މެޗެއް ރަނގަޅުވި ނަމަވެސް، ހެދުނު ބައެއް ގޯސްތަކުގެ ސަބަބުން މި މެޗު ގެއްލުނީ ކަމަށެެވެ.
"އަހަރެމެންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ބަލިވީ. އަހަރެމެން ރަނގަޅަށް ކުޅުނު. ނިއު ކަހަލަ ޓީމެއްގެ ފަރާތުން މިއަށްވުރެ ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް އަހަރެން ބެލީ،" ނިއުގެ ކުރީގެ ކޯޗު ސްޓޮއިކޯފް ބުންޏެވެ.