ރައްޔިތުންގެ މަޖިލިސް

މަޖިލިސް އިންތިހާބުގައި މޫސަ ވާދަ ނުކުރައްވާނެ

Feb 8, 2019
4

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މިހާރު އެ މަޖިލީހުގައި ހުޅުހެންވޭރު ދާއިރާ ތަމްސީލް ކުރައްވަމުން ވަޑައިގަންނަވާ ރިކޯ މޫސާ މަނިކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފި އެވެ.

އެ މަނިކުފާނު އެ ގޮތް އިހުތިޔާރު ކުރެއްވެވިކަން އާންމު ކުރެއްވެވީ މިއަދު މެންދުރު ޓްވީޓެއް ކުރައްވައިގެނެވެ.

އެކަމާ ގުޅުވައި އަވަސްގެ ނޫސްވެރިޔަކު ސުވާލު ކުރުމުން މޫސަ ވިދާޅުވީ ވާދަ ނުުކުރައްވަން ނިންމެވީ ވަކި ސަބަބެއް އޮވެގެން ނޫން ކަމަށާއި އެއީ ކުއްލި ގޮތަކަށް އެ ގޮތް ބޭނުންފުޅު ވެގެން މިއަދު ނިންމެވި ނިންމެވުމެއް ކަމަށެވެ.

މޫސަ މިގޮތަށް ނިންމެވި އިރު މަޖިލީހުގެ އިންތިިހާބުގައި ގަމު ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައި އެ މަނިކުފާނު ކެމްޕޭނެއް ވެސް މިދިއަ ޑިސެމްބަރު މަހުގެ ތެރޭގައި ފެއްޓެވި އެވެ.

މޫސަގެ ޓްވީޓް

އޭރު ވިދާޅުވީ، ގަމު ދާއިރާއަށް ކުރިމަތިލައްވަން ނިންމެވީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ކަމަށާއި، އެ ދާއިރާ އިހުތިޔާރު ކުރެއްވީ ސިޔާސީ މަސައްކަތް މަޖިލީހުގެ ތެރެއިން ފުރަތަމަ ފެއްޓީވެސް ލ. އަތޮޅުން ކަމަށްވާތީ ކަމަށެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ލ. ގެ މެމްބަރުކަން ފަސް އަހަރު އަދާ ކުރެއްވި އިރު ގިނަ ކަންތައްތަކެއް ލާމަށް ކޮށްދެވިފައިވާނެ ކަމަށް މޫސަ އަބަދުވެސް ވިދާޅުވެ އެވެ.

މަޖިލިސް އިންތިހާބުގައި ވާދަ ނުކުރައްވަން މޫސަ ނިންމި އިރު ލ. އަތޮޅުގައި މޫސަގެ ވިޔަފާރި ވަރަށް ބޮޑަށް ތަރައްގީކޮށްފައި ވެއެވެ. އެގޮތުން ގަމުގެ މޯ ހޮޓެލްސް އޮޕަރޭޝަންގައި އޮތް އިރު އެ އަތޮޅުގައި މޫސަގެ ރިސޯޓެއްގެ "ރަހާ" ގެ ނަމުގައި ހުޅުވަން ވަނީ ތައްުޔާރުވެ މުވައްޒަފުން ނަގަން ފަށާފައެވެ.