ހަބަރު

ރައީސްގެ ރިޔާސީ ބާޔާނުން އުއްމީދުތައް އާލާވެއްޖެ: އެމްޑީޕީ

Feb 8, 2019
1

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވީ ރައްޔިތުންނަށް އުއްމީދު ގެނެސްދެނެވި ރިޔާސީ ބަޔާނެއް ކަމަށާއި އެކަމަށް މަރުހަބާ ދަންނަވާ ކަމަށް އެމްޑީޕީއިން ބުނެފި އެވެ.

އެމްޑީޕީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައްޔިތުންނަށާއި ރާއްޖެއަށް ބޮޑެތި ހެޔޮ ބަދަލުތައް ގެނެސްދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ތަސައްވަރު ހަގީގަތަކަށް ހެއްދެވުމަށް ރައީސް ސޯލިހު ހާމަކުރެއްވި ސިޔާސަތުތަކާއި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން ރައްޔިތުންގެ އުއްމީދުތައް އާލާވެގެން ގޮސްފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް އުފާވެރިކަމާއި ކުރިއެރުން، ބޮޑު ބަދަލަކާއެކު ފެނިގެންދާނެކަމާމެދު ޝައްކެއް ނެތް ކަމަށެވެ.

"ރައީސް ސޯލިހު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި، އެމްޑީޕީގެ ތަސައްވަރާއި ސިޔާސަތުތަކާ އެއްގޮތަށް، މި ޖަޒީރާ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނެގެހެއްޓުމަށާއި، ފަރުދީ މިނިވަންކަމާއި ހައްގުތައް ކަށަވަރުކުރުމަށް އޮތް މަތިވެރި އަޒުމު ހާމަވެގެން ގޮސްފަ، މި ޕާޓީން އަބަދުވެސް ގޮވާލަމުންގެންދާ ބީދާއިން، ފަނޑިޔާރުގެ މިނިވަންކުރުމާއި އަދުލުއިންސާފާއި ހަމަހަމަކަން ގާއިމުކުރުމުގެ މުހިއްމު މަސައްކަތްޕުޅު ކުރައްވާނޭކަމުގެ އުއްމީދު ދެއްވާފައިވޭ،" އެމްޑީޕީއިން ފާހަގަކުރި އެވެ.

އޭގެއިތުރުން ވައްކަމާއި ކޮރަޕްޝަނުގެ މޫތައް ނެތިކޮށްލުމުގެ މަސައްކަތްޕުޅު ކުރައްވާނޭކަމުގެ ޔަގީންކަން ވެސް ދެއްވާފައިވާ ކަމަށް އެމްޑީޕީއިން ބުންޏެވެ.

އެމްޑީޕީއިން ބުނީ “ނޫ އިގުތިސޯދު”ގެ ސިޔާސަތުގެ ދަށުން މުޅި ޖަޒީރާ ރާއްޖެ ތަރައްގީ ވެގެންދާނޭ ގޮތް ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. ލާމަރުކަޒީކުރުމާއި، ފަރުދުންގެ އާމްދަނީގެ ޓެކްސް ތައާރަފުކުރުމާއި، ވަޒީފާގައި އުޅޭ ފަރާތްތަކަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމާއި، ވަޒީފާނެތުމުން ވަޒީފާ ހޯދަން މަސައްކަތްކުރަމުންދާ ފަރާތްތަކަށް އިނާޔަތް ފޯރުކޮށްދިނުމާއި، ބޯހިޔާވެހިކަން ކަށަވަރުކޮށްދިނުމުގެ ހަރުދަނާ އަޒުމު އެމަނިކުފާނު ހާމަކުރައްވާފައިވާކަން ވެސް އެ ޕާޓީއިން ފާހަގަކުރި އެވެ.

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ރާއްޖޭގައި ހިލޭ ކިޔެވޭނޭ ގޮތްވުމާއި، ރާއްޖެއިން ބޭރުގައި ކިޔަވާކުދިންނަށް ކުޑަ އިންޓްރެސްޓްގައި، ދިގު މުއްދަތެއްގައި އަދާކޮށް ނިންމާގޮތަށް ފަސޭހަކަމާއެކު ލޯނު ފޯރުކޮށްދިނުމުގެ ސިޔާސަތު ފަދަ ސިޔާސަތުތަކުގެ ސަބަބުން ކިޔަވާކުދިންނާއި ރައްޔިތުންގެ އުއްމީދުތައް އާލާވެގެން ގޮސްފައިވާކަން ފަހުރުވެރިކަމާއެކު ފާހަގަކުރާ ކަމަށް ވެސް އެމްޑީޕީއިން ބުންޏެވެ.

އެމްޑީޕީއިން ބުނީ ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުން ރާއްޖޭގެ ރައްޔިތުންނަށް ދެއްވި އުފާވެރި ހަބަރުތަކާއި އުއްމީދުތައް ހާސިލުކުރުމަށް އެ ޕާޓީހެ ފުރިހަމަ ތާއިދާއި އެއްބާރުލުން އެމަނިކުފާނަށް ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި އެކަންކަމަކީ އެ ޕާޓީގެ ތަސައްވަރާއި ސިޔާސަތުތައް ކަމަށްވާތީ، އެކަންކަން ހަގީގަތަކަށް ހެދުމަށްޓަކައި، ސަރުކާރަށް ގާނޫނީ ބާރުވެރިކަން ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ފުރިހަމަ އަގުލަބިއްޔަތު ރައްޔިތުން ދިނުމަކީ ނުހަނު މުހިއްމު ކަމެއް ކަމަަށް ވެސް ބުންޏެވެ.