ހަބަރު

މުލިއާގޭ ކުރީގެ ޗީފް އޮފް ސްޓާފް ހައްޔަރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ މުހައްމަދު ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު އެވެ.

މުސްތަފާ ހައްޔަރު ކުރުމަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ފަތުރުވެރިކަމަށް ރަށެއް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދުމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާއި ހެކިންނަށް ބިރު ދައްކާ ކަމުގެ ތުހުމުގައި ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުއްޓާ ހަވީރު 4:00 ގަ އެވެ.

ރިޔާސީ އިންތިހާބާ ގާތްވެފައިވަނިކޮށް ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި "މާސިޑީޒް ބެންޒް، އެސް 600" މޮޑެލްގެ އާމާޑް ކާރު ޓްރާސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީ ކުރީ ލ. އަތޮޅުގައި ދުއްވާ ގޮތަށް މުސްތަފާގެ އަމިއްލަ ނަމަށް ބަދަލުކުރި މައްސަލައެއް ވެސް މީގެކުރިން ފެންމަތިވި އެވެ.

އެ ކާރާ ގުޅޭ ގޮތުން ރައީސް އޮފީހުން ކުރި މުއާމަލާތްތަކުން އެނގޭ ގޮތުގައި މުސްތޮފާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެ ކާރު ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ރައީސް ޔާމީންގެ އެކި ބޭނުންތަކުގައި އެކި ފަހަރު ބޭނުން ކުރައްވައިފަ އެވެ.

އެއީ ގާތްގަނޑަކަށް 4.5 މިލިއަން ރުފިޔާގެ އަގުބޮޑު ކާރެކެވެ. އެ ކާރު ރާއްޖެ އެތެރެ ކުރި، ކަސްޓަމްސްގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ކާރު ސައުދީ ސަރުކާރުން ރާއްޖެއަށް ފޮނުވީ، ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ ނަމުގަ އެވެ.

އެ މައްސަލަ ފާހަގަ ވެގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ އަންނަނީ ތަހުގީގު ވެސް ކުރަމުން އެވެ. އެގޮތުން ކަސްޓަމްސް އާއި ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ އެ ކާރާ ގުޅޭ ލިޔެކިޔުންތައް ހޯދައިފަ އެވެ.

މުސްތަފާ މިއަދު ހައްޔަރުކުރި ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލް އާޒިމާ ޝުކޫރަށް ދައުވާކުރުމަށް ފުލުހުން ވަނީ ފޮނުވާފަ އެވެ. ފުލުހުން އެދިފައިވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާކުރުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާކޮށް ދިނުމަށެވެ. އަދި އާޒިމާގެ މައްޗަށް މަނީ ލޯންޑްރިން ކުރުމުގައި ރައީސް ޔާމީންއާ ބައިވެރިވެ އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމުގެ ދައުވާކޮށް ދިނުމަށް ވަނީ އެދިފަ އެވެ.