އަމިއްލަ ފަރުދުންނާއި ވިޔަފާރިވެރިންނަށް މާލީއެހީތެރިކަން ފޯރުކޮށް ދިނުމުގައި ސްޓޭޓް ބެންކް އޮފް އިންޑިއާއިން އަބަދުވެސް މުހިންމު ދައުރެއް އަދާ ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޖައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެ ބޭންކަށް 45 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ހަލުފާގައި ރައީސް ވަނީ 45 އަހަރު ވަންދެން އެސްބީއައި އިން ރާއްޖޭގައި ޚިދުމަތް ދެމުން ގެންގޮސްފައިވާތީ އެސްބީއައި ގެ ވެރިންނާއި މުވައްޒަފުން އަދި ހިއްސާދާރުންނަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެސްބީއައި ރާއްޖޭގައި ޚިދުމަތް ދޭން ފެށިއިރު ރާއްޖޭގައި ބޭންކިންގެ ޚިދުމަތް ފަށާފައި ނުވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށުނުއިރު ބޭންކިން ހިދުމަތްދޭ ހަމައެކަނި ބޭންކަކީ އެސްބީއައި ކަން ފާހަގަކުރައްވާފައެވެ.
އެސްބީއައި އިން ރާއްޖޭގެ ބޭންކިން ދާއިރާއަށާއި ތަރައްޤީއަށް ދެމުންގެންދާ ޚިދުމަތަށް ރައީސް މިރޭ ޝުކުރު އަދާ ކުރެއްވެވި އެވެ.
މި ހަފުލާގައި އެސްބީއައިގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހާއްސަ ހަނދާނީ ފިލައެއް އަރުވި އެވެ.