ދައުލަތުގެ ދަރަނި

"އެސްބީއައި ލޯނަށްވުރެ ރަނގަޅު ޑީލެއް ނުލިބޭނެ"

Oct 19, 2020
5

މި ސަރުކާރުން ލޯނު ނަގަނީ އެތެރޭގެ ދަރަނީގެ ގޮތުގައި ކަމަށާއި، ބަޖެޓް ސަޕޯޓަށް އިންޑިއާ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކި 250 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑަށް ވުރެ ރަނގަޅު "ޑީލް"އެއް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު މިދިއަ އޯގަސްޓް މަހުން ފެށިގެން މަސައްކަތް ކުރުމަށްފަހު އެ ދަރަނިތަކާގުޅޭ ޑްރާފްޓް ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ.

މިއަދު ކުރިއަށް ދިއަ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި މި ސަރުކާރުން ނަގަމުންދާ ލޯނުތަކާ ގުޅޭގޮތުން ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ޝިޔާމް ފާޅުކުރެއްވި ކަންބޮޑުވުމަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ މި ސަރުކާރުން ލޯނު ނަގަނީ އެތެރޭގެ ދަރަނީގެ ގޮތުގައި ކަމަށާއި އެކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ހައްގު ކަމަށެވެ.

"އެސްބީއައި އިންނޭ މިނަގަނީ [ލޯންތައް]. މާދަމާ ރުފިޔާއަށް އަނބުރާލަންވީ. މިޔަށްވުރެއް ރަނގަޅު ޑީލްއެއް ނުލިބޭނެ އިނގޭތޯ،" ނަޝީދު ވިދާޅުވި އެވެ.

އިންޑިއާގެ އެސްބީއައި އިން މި ބޮންޑު ގަނެފައިވަނީ އެ ގައުމުގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެނެވެ. މި ބޮންޑު ވިއްކާފައި ވަނީ 10 އަހަރު ދުވަހަށެވެ. އެހެންވެ، ދިވެހި ސަރުކާރުން ފައިސާ ދައްކަން 10 އަހަރު ލިބޭނެ އެވެ. އިންޑިއާ އިން މީގެ ކުރިން ސަރުކާރުގެ ބަޖެޓު ފޫބައްދަން ބޮންޑު ވިއްކާފައިވެ އެވެ.

މިއަދު ކުރިއަށް ދިއަ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި ނަޝީދު ވަނީ އެ ރިޕޯޓުގައި ހިމެނޭ މުހިއްމު ބައިތައް މެންބަރުންގެ މަޝްވަރާއަށް ހިއްސާ ކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، ދަރަނި ބެލެހެއްޓިފައިހުރި ގޮތާއި، ދަރަނި ނެގިފައިވަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި، އެ ދަރަނި އަނބުރާ ދައްކަން ޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުގެ މައްޗަށް ކަމަށެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ޖުމްލަ ދަރަނި 172 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.

"މީގައި ދައުލަތަށް އުނދަގޫވެގެންދަނީ، ބުރަވެގެން ދަނީ އަނބުރާ ނުދެއްކުނީމާ. ނަގާއިރަކު ނޫން. އަޅުގަނޑުމެންނަށް މިއަދު ދިމާވެގެން އުޅޭ ކަމަކީ 2021 ވަނަ އަހަރު އަނބުރާ ދައްކަން ހުރި އަދަދު އިންތިހާއަށް ބޮޑުކަމުން،" މިކަން ހިނގައިގެން އުޅެނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދަރަނީގެ ކަންކަން ކޮށްފައިހުރި ގޮތުންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު އިންތިހާއަށް އިތުރުވާއިރު، އެކަމަށް ހައްލު ހޯދަން އެ ރިޕޯޓުގައި ވަނީ ސަރުކާރަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ.

އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ސަރުކާރަށް ހުށަހެޅުން ހިމެނެ އެވެ.