ލައިފްސްޓައިލް

"މާވެލް"ގެ އާ ވެބްސައިޓުން 90 ގެ ހަނދާންތައް

މާވެލް ކޮމިކްސް އިން މި އަހަރު ނެރޭ "ކެޕްޓަން މާވެލް" ފިލްމުގެ ޕްރޮމޯޝަނަށް ލޯންޗް ކުރި ވެބްސައިޓުން ނުވަދިހައިގެ އެތައް ހަނދާނެއް އާ ކޮށްދީފި އެވެ.

މި އަހަރު ނެރޭ އެންމެ ބޮޑު ސުޕަހީރޯ ފީޗާ ފިލްމު "ކެޕްޓަން މާވެލް"ގެ ބޮޑެތި ޕްރޮމޯޝަންތައް ކުރިޔަށް ދާއިރު މާވެލް އިން މިވަނީ މި ފިލްމަށް ވަރަށް ހާއްސަ ވެބްސައިޓެއް ލޯންޗް ކޮށްފަ އެވެ.

"ކެޕްޓަން މާވެލް" ފިލްމުގައި ދައްކުވައިދޭނީ ނުވަދިހައިގެ އަހަރުތައް ކަމުން، މި ވެބްސައިޓަކީ ޕްރޮމޯޝަން އަށް އެންމެ ގުޅޭ ގޮތައް ތައްޔާރު ކޮށްފައިވާ ވެބްސައިޓުކަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން އެނގެ އެވެ. ވެބްސައިޓްގެ އަވައިގައި ޖެހިފައި ތިބި މީހުން ސޯޝަލް މީޑިއާގައި ޝުއޫރުތައް ބަންޑުން ކުރަމުން ބުނަނީ މި ވެބްސައިޓް މެދުވެރިކޮށް މާވެލް އިން އެމީހުން ގެންގޮސް ދިނީ ސީދާ ނުވަދިހައިގެ އަހަރުތަކަށް ކަމަށެވެ.

"ކެޕްޓަން މާވެލް' ވެބްސައިޓުގައި ހުރި ތަފާތު ފޮންޓާއި ފޮންޓުތަކުގައި ހުރި ރެއިންބޯ ކުލަތަކުން ހަނދާން ކޮށްދެނީ މީގެ އަހަރުތަކެއް ކުރިން ބޭނުން ކުރި ވެބްސައިޓުތަކުގައި ހުރި ތަފާތު ގޮތްތަކެވެ. އެއްވެސް ގުޅުމެއް ނެތް ބެކްގްރައުންޑް އަކާއި ނިވި ދިއްލޭ ލިޔުންތައް މި ވެބްސައިޓުގައި ދައްކުވައިދިނުމުން އެންމެން ތިބީ ރަންޒަމާން ހަނދާންކޮށްގެންނެވެ. ވެބްސައިޓަށް ވަންނަ މީހުންގެ ނަން ނޯޓު ކުރުމަށް ހާއްސަ "ގެސްޓް ބުކް" ބައެއް ވެސް ހުރެ އެވެ. ޓްރެއިލާ ބަލާލަންވެސް ފިތާލަން ޖެހެނީ ވެބްސައިޓުގައި ހިމަނާފައިވާ ފިލްމު ރީލަކަށެވެ.

"މާވެލް" އިން ނެރޭ މި ފިލްމަކީ ނުވަދިހައިގެ އަހަރުތަކަށް ކުޅެފައިވާ ފިލްމެއް ކަމުން، މި ފިލްމު ޕްރޮމޯޝަން އަށް ލޯންޗު ކުރި ވެބްސައިޓު މިވީ އެންމެންގެ ބޮޑު ތަރުހީބެއް ލިބުނު އެއްޗަކަށެވެ.

އެނާ ބޯޑެން ޑައިރެކްޓްކޮށްފައިވާ "ކެޕްޓަން މާވެލް" ސިނަމާތަކަށް އަންނާނީ މާޗް 8 ގަ އެވެ.