ދުނިޔެ

ޓްރަމްޕް - ކިމް ގެ ދެވަނަ ސަމިޓު ވިއެޓްނާމުގައި

Feb 10, 2019

ހަނޮއީ (ފެބްރުއަރީ 10) - އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދެމެދު ބާއްވާ ދެވަނަ ސަމިޓް މި މަހު ފަހު ކޮޅު ބާއްވާނީ ވިއެޓްނާމުގެ ވެރިރަށް ހަނޮއީގައި ކަމަށް އިއުލާނުކޮށްފި އެވެ.

އެ ނިންމުން އިއުލާނު ކުރައްވަމުން، ޓްރަމްޕް ވިދާޅުވި ގޮތުގައި، ކިމް އާއެކު ވިއެޓްނާމުގައި ބައްދަލުކުރައްވާނީ ފެބްރުއަރީ 27 އިން 28 އަށް ކަމަށެވެ.

ޓްރަމްޕް ވަނީ މިދިޔަ ޖޫން މަހު އުތުރު ކޮރެއާގެ ލީޑަރުން ކިމް ޖޮންގް އުން އާއެކު ސިންގަޕޫރުގައި ބައްދަލު ކުރައްވައިފަ އެވެ. އެ ތާރީހީ ސަމިޓުގައި، ކޮރެއާ ސަރަހައްދަކީ ނިއުކުލިއާ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށް ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވި ނަމަވެސް، މިހާތަނަށް އެ މަސައްކަތަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައެއް ނުވެ އެވެ.

އެ ނިންމުމަށް މަރުހަބާ ކިޔަމުން، ދެކުނު ކޮރެއާ އިން ބުނީ، އެ ސަމިޓު ބާއްވަން ވިއެޓްނާމަކީ އެންމެ އެކަށީގެންވާ ގައުމު ކަމަށެވެ.

އެމެރިކާ އާއި ވިއެޓްނާމު 1965 އިން 1973 އަށް ކުރި ހަނގުރާމައަށްފަހު ދެ ގައުމުގެ ގުޅުން މިހާރު ބަދަހިވެފައިވުމަކީ އުތުރު ކޮރެއާ އާއެކު ވެސް ގުޅުން ބަދަހިކުރެވޭނެ ކަމުގެ މިސާލެއް ކަމުގައި ވެސް ދެކުނު ކޮރެއާ އިން ބުނެފައިވެ އެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވި ތާރީހީ ސަމިޓަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީން ކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާއެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަ ކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަ ކުރައްވާފަ އެވެ.