ލިވަޕޫލް

ލިވަޕޫލު އަލުން ތާވަލުގެ އެއް ވަނައަށް!

ބޯންމައުތުގެ މައްޗަށް، 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ލިވަޕޫލް އަލުން ތާވަލުގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.

މެޗަށް ނިކުތުމުގެ ކުރިން އެއް ވަނައިގައި އޮތީ، މެންޗެސްޓާ ސިޓީ އެވެ. ތާވަލުގެ އެއް ވަނައަށް ސިޓީ ދިއުމަށް މަގުފަހިވީ، ލެސްޓާ ސިޓީ އާއި ވެސްޓްހަމް ޔުނައިޓަޑް އަތުން ލިވަޕޫލް އެއްވަރު ވުމުންނެވެ.

ލިވަޕޫލްގެ ލަނޑުތައް ކާމިޔާބު ކުރީ، ސެޑިއޯ މާނޭ އާއި ޖޯޖީނިއޯ ވައިނަލްޑަމް އާއި މުހައްމަދު ސަލާހް އެވެ. ލިވަޕޫލްގެ ކޯޗް، ޔާގަން ކްލޮޕް ބުނީ، ލިވަޕޫލަށް އަލުން އެއް ވަނައަށް އާދެވުނީ، ކުޅުންތެރިން ގެންގުޅުނު ރަނގަޅު އެޓިޓިޔުޑްގެ ސަބަބުން ކަމަށެވެ.

ހާއްސަކޮށް އޭނާ ވަނީ، ދެ ވަނަ ލަނޑު ޖެހި ވައިނަލްޑަމްއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. ކްލޮޕް ބުނީ، މެޗުގެ ކުރިން، ވައިނަލްޑަމް އުޅުނީ ކުޑަކޮށް ބަލިވެ ކަމަށެވެ. އެހެންނަމަވެސް އޭނާ ކުޅެން ބޭނުންވާ ކަމަށް ހާމަކޮށްފައިވާ ކަމަށެވެ.

"ރޭ (ހުކުރު ދުވަހުގެ ރޭ) ގިނީ [ޖޯޖީނިއޯ ވައިނަލްޑަމް] ޓީމު ހޮޓަލަށްކަށް ނާދޭ، އޭނާ ބަލިވެ އުޅޭތީ،" ކްލޮޕް ބުންޏެވެ. "އޭގެ ފަހުން ގަޑިއިރުތަކެއް ވަންދެން ނިދާފަ ރަނގަޅު ވީމަ އޭނާ އަހަންނަށް ގުޅާފަ ބުނީ ތިމަންނަ ކުޅެން ބޭނުމޭ، ތިމަންނައަށް ކުޅެވޭނެޔޭ، އޭނާ މެޗުގައި ކުޅެފި، ވަރަށް ރަނގަޅަށް އޭނާ ޕާފޯމް ކުރި، ލަނޑު ޖެހީމަ އެންމެން ތިބީ އޭނާގެ ގައިގައި ބައްދާލަން ބޭނުން ވެފަ."