ހަބަރު

އެމްޑީޕީގެ 10 ފޯމް މާދަމާ އަލުން ހުށަހަޅަނީ

އެމްޑީޕީގެ ފަރާތުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް ހުށަހެޅި 86 ފޯމްގެ ތެރެއިން އިލެކްޝަން ކޮމިޝަނުން ބަލައި ނުގަތް 10 ފޯމްގެ މައުލޫމާތުތައް ފުރިހަމަކޮށް މާދަމާގެ ކުރިން ހުށަހަޅާނެ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުން އެމްޑީޕީގެ އެ 10 ފޯމް ބަލައިނުގަތުމަށް ނިންމީ، ބޭނުންވާ ބައެއް މައުލޫމާތު ހަމަނުވާތީ އެވެ. އަނެއް 76 ފޯމް ބަލައިގަތުމަށްފަހު ފޯމް ބަލައިގެންފައިވާކަން އެ ކެންޑިޑޭޓުންނަށް މިހާރު ވަނީ އަންގާފަ އެވެ.

އެމްޑީޕީއިން ބަންދު ނޫން ކޮންމެ ދުވަހަކު ސިލްސިލާކޮށް އެމްޑީޕީ ހަރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ، އެފޯމްތަކުގެ މައުލޫމާތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މައުލޫމާތުތައް ފުރިހަމަކޮށް އީސީއަށް ފޯމްތައް ހުށަހަޅާނެ ކަމަށެވެ.

"ވީހާވެސް އަވަހަކަށް، މައުލޫމާތުތައް ފުރިހަމަ ވެއްޖެނަމަ މިއަދުވެސް ހުށަހަޅަން، އެންމެ ލަސްވެގެން މާދަމާއަށް މި ބަލަނީ ފޯމްތައް ހުށަހެޅޭނެ ކަމަށް،" އަފްޝަން ވިދާޅުވި އެވެ.

އެމްޑީޕީގެ 10 ކެންޑިޑޭޓެއްގެ ފޯމް ބަލައިގަނެފައިނުވާއިރު އެއީ ކޮން 10 ކެންޑިޑޭޓުންނެއް ކަމެއް އެޕާޓީންވެސް ހާމަކޮށްފައެއް ނުވެ އެވެ.

ގާނޫނުގައިވާ ގޮތުން މަޖިލީހުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ފޯމް އީސީއަށް ހުށަހަޅާތާ 48 ގަޑިއިރު ތެރޭގައި އެ ފޯމްގެ ސައްހަކަން ބަލައި އެފަރާތަށް އަންގަންޖެހޭނެ ކަމަށެވެ.

އަންނަ ރައްޔިތުން މަޖިލިސް އިންތިހާބު އޮންނާނީ އޭޕްރިލް މަހުގެ ހަވަނަ ދުވަހު އެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންްގެ ފޯމްތައް މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.