ހަބަރު

އެމްޑީޕީގެ ކެނޑިޑޭޓުންގެ މާލީ ބަޔާންތައް ހޯދަނީ

އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާ ކެނޑިޑޭޓުންގެ މާލީ ބަޔާންތައް އަންނަ ބުރާސްފަތި ދުވަހުގެ ރޭގެ ކުރިން ހުށަހެޅުމަށް އެ ޕާޓީ އިން އަންގައިފި އެވެ.

އެމްޑީޕީގެ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މާލީ ބަޔާންތައް ހާމަކުރަން ފޯމެޓެއް އެކުލަވާލާފައިވާ ކަމަށާއި އެ ފޯމެޓް ހުރިހާ ކެނޑިޑޭޓުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

އޭގެ ބޭނުމަކީ ރައްޔިތުންގެ އިތުބާރު ލިބޭ ގޮތަށް ދެފުއްފެންނަ ގޮތަކަށް މި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށް ވެސް އަފްޝަން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަށް އިލްތިމާސް ކޮށްފައިވާނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ، އެއީ 14 ފެބްރުއަރީގެ ރޭގަނޑު 8:00 ގެ ކުރިން އެ ބޭފުޅުންގެ މާލީ ބަޔާން އަޅުގަނޑުމެންނަށް ހިއްސާ ކުރަން،" އަފްޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާލީ ބަޔާންތައް އެމްޑީޕީގެ ވެބްސައިޓްގައި ޝާއިއު ކުރާނެ ކަމަށާއި ހުރިހާ ކެނޑިޑޭޓުންވެސް އެކަމަށް އެއްބާރުލުން ދޭން އެދޭ ކަމަށެވެ.