ނިއުރޭޑިއަންޓް

ނިއު ރޭޑިއަންޓުން ފައިސަލްއަށް ރިލީޒް ދީފި

މިދިޔަ ދޮޅު އަހަރުގައި ނިއު ރޭޑިއަންޓަށް ކުޅުނު ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލްއަށް އެ ކުލަބުން ރިލީޒް ދީފި އެވެ.

ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވީ، ފައިސަލްއަށް ރިލީޒް ދިނީ، ދެ ފަރާތުން އެއްބަސްވެގެން ކަމަށެވެ. ނިއު ރޭޑިއަންޓާއެކު ފައިސަލް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ފަހު ކޮޅު އެވެ.

މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި، ފައިސަލް ގެންދިއުމަށް ބައެއް ކުލަބުތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނިއުގައި ފައިސަލް ކުޅުނުއިރު، އޭނާއަށް ފުރުސަތު ލިބުނީ ބަދަލު ކީޕަރެއްގެ ރޯލެވެ. ރާއްޖޭގެ އެއް ވަނަ ކީޕަރު، އިމްރާން މުހައްމަދު ވެސް މިދިޔަ ދެ ސީޒަންގައި ކުޅުނީ ނިއު ރޭޑިއަންޓަށެވެ. އެ ޓީމުގެ އެއް ވަނަ ކީޕަރަކީ އޭނާ އެވެ.

މިދިޔަ އަހަރު އޯގަސްޓް މަހާ ހަމައަށް އިމްރާން ވަނީ، ނިއުގެ ޓީމުގައި ކުޅެފަ އެވެ. އެހެންނަވެސް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ކުލަބުތަކުގެ ޕްރެކްޓިސް މެދުކަނޑަލައި، ސާފް ޗެމްޕިއަބްޝިޕަށް ފަހު ނިއުގެ ޕެރެކްޓިހަށް ނިކުތުން، އިމްރާން ހުއްޓާލި އެވެ. އެއީ އެ ކުލަބުން އޭނާއަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުންނެވެ.

އިމްރާނަށް މުސާރައިގެ މައްސަލަ ދިމާވުމުން، އޭނާ ވަނީ މުސާރަ ހަމަޖައްސައި ދިނުމަށް ކުލަބަށް ލިޔުމުން ހުށަހަޅާފަ އެވެ. އެއަށްފަހުވެސް ކުލަބުން މުސާރަ ނުދިނުމުން، އާންމުދަނީ ހޯދަން ވަގުތު ހުސް ކުރުމަށްޓަކައި ކުލަބުގެ ޕްރެކްޓިހަށް ނިކުމެވޭން ނެތްކަން ލިޔުމުން އެންގުމަށް ފަހު، ކުލަބުގެ ޕްރެކްޓިހަށް ނިކުތުން އޭނާ ހުއްޓާލި އެވެ. އެއަށް ފަހުވެސް މުސާރައިގެ މައްސަލަ ކުލަބުން ހައްލުކޮށް ނުދިނުމުން، އެފްއޭއެމަށް މައްސަލަ ހުށަހެޅި އެވެ. އެފްއޭއެމުގެ ޕްލޭއާސް ކޮމިޓީން މައްސަލަ ބަލަމުން ދަނިކޮށް، ނިއު އިން ވަނީ އޭނާގެ ކޮންޓްރެކްޓް ބާތިލު ކޮށްފަ އެވެ.

ފައިސަލް، ނިއު އާ ގުޅުނީ، 2017 ވަނަ އަހަރު ކުލަބު ވެލެންސިއާއިންނެވެ. އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ވެލެންސިއާއަށް ޖާގަ ނުލިބުމުން، ވެލެންސިއާއަށް އެއަހަރުގެ ސީޒަން ނިމުމުން އެ ކުލަބުގެ ގިނަ ކުޅުންތެރިން އެހެން ކުލަބުތަކަށް ބަދަލުވި އެވެ. ފައިސަލް ބަދަލުވީ ނިއު އަށެވެ.

އދ. ފެންފުއްޓަށް އުފަން ފައިސަލް، ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައަށް ނެރެދިނީ، ކުލަބު ވެލެންސިއާގެ ކުރީގެ ކޯޗް، އިސްމާއީލް އާސިފް 'ކުޑަހީނާ' އެވެ. އޯލް ޔޫތު ލިންކޭޖް. އޭވައިއެލް އަށް ކުޑަ ހީނާ ކޯޗު ކޮށްދިއިރު، އޭނާ ވަނީ އެ ކުލަބު ފައިސަލް އަށް ފުރުސަތު ދީފަ އެވެ. ކުޑަހީނާއަށް ފައިސަލް ފާހަގަވީ އއ އަތޮޅުގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ތެރެއިންނެވެ.

މިއަހަރުގެ ޖޫން މަހު، ފެށުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އާ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ބައެއް ކުލަބުތަކުން ކުޅުންތެރިން ލައްވައި ދަނީ ސޮއި ކުރުވަމުންނެވެ. އެގޮތުން އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އާއި ގްރީން ސްޓްރީޓުން ވަނީ ދުރާލައި ޓްރާންސްފާ މާކެޓްގައި ހަރަކާތްތެރިވާން ފެށި އެވެ.