ހަބަރު

ފަނޑިޔާރުން ވަކިކުރި އިސްލާހުގެ މައްސަލަ ހައި ކޯޓުން ދެވަނަ ފަހަރަށް ވެސް ބަލައެއްނުގަތް

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ބާތިލްކުރަން ހުށަހެޅި މައްސަލަ ދެވަނަ ފަހަރަށް ހުށަހެޅުމުން ވެސް އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގާނޫނީ ވަކީލް ޝާހީން ހަމީދާއި އިތުރު ދެ ވަކީލެއްގެ ފަރާތުން ހުށަހެޅި އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުން އެ ތިން ވަކީލުންގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި އެ މައްސަލަ ބަލައިނުގަތުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވަނީ އެނގިފަ އެވެ.

ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓުގެ ރެޖިސްޓްރާ ނިންމާ ނިންމުންތައް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް ރެޖިސްޓްރާ ނިންމި ނިންމުމަށް ފަނޑިޔާރުންގެ މަޖިލީހުން މިހާރު ތާއީދުކޮށްފައިވާތީ ދެން އެ ނިންމުން އިސްތިއުނާފް ކުރެވޭނީ ސުޕްރީމް ކޯޓުގަ އެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައި އެ އިސްލާހުގެ ދަށުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަނީ ވަކިކޮށްފަ އެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ގިނަ ގާނޫނީ ބޭފުޅުންނާއި ބޭރުގެ އެކި ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.